01 Aug 2015, 10:36
މިއަހަރުގެ ދެވަނަ ކުއާޓާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 45.85 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެމްޓީސީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ މި އަހަރުގެ ދެވަނަ ކުއާޓާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި 58.95 މިލިއަން ރުފިޔާ ކުންފުނި ހިންގުމުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި އެއީ މި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު 10 ޕަސެންޓު އިތުރު އަދަދެއް ކަމަށް ވެސް އެކުންފުނިން ބުންޏެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީ އަށް 53.36 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެކުންފުނިން ބުނީ ދެވަނަ ކުއާޓާގައި ލިބުނު ފައިދާއާ އެކު ހިއްސާ އަކަށް ޖެހޭ އާމްދަނީގެ އަދަދު 183.38 ރުފިޔާ އަރާނެ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ އިބުރާހީމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވީ ދެވަނަ ކުއާޓާގައި އެކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު ހުޅުމާލެ ފެރީގެ ޚިދުމަތަށް ޑަބަލް ޑެކް ފެރީގެ ޚިދުމަތް ތައާރަފު ކުރުމާއި ހުޅުމާލެ އަދި އިބްރާހިމް ނާސިރު އިންޓަނޭޝަނަލު އެއާޕޯޓަށް ޝަޓަލް ބަހުގެ ޚިދުމަތް ތައާރަފު ކުރުން ހިމެނޭ ކަމަށެވެ.
"ދަތުރުފަތުރުގެ ޚިދުމަތް އިތުރަށް ތަރައްގީ ކުރުމަށްޓަކައި އިތުރު ފެރީ އަދި ބަސް މިއަހަރުގެ ތެރޭގައި ޚިދުމަތަށް ނެރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ހަލީމް ވިދާޅުވި އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 41.66 މިލިއަން ރުފިޔާ އެމްޓީސީސީއަށް ވަނީ ލިބިފަ އެވެ.
މިދިޔަ އަހަރަކީ އެމްޓީސީސީއަށް ރިކޯޑު އަދަދަކަށް ފައިދާވެފައިވާ އަހަރެކެވެ. އެގޮތުން ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް އެ އަހަރު 81.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.