އަވަށްޓެރިންނަށް ނުރައްކަލަކަށްވާ ފަދަ ހާލަތެއްގައި އޮންނަން ރާއްޖޭން ބޭނުން ނުވާ ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން އިއްޔެ ޝާއިއުކޮށްފައިވާ އަދީބު ހާއްސަ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އިންޑިއާ އިން ކަންބޮޑުވާ ފަދަ އެއްވެސް ކަމެއް ކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.

"...ހަނދުމަފުޅު ބަހައްޓަވާ ރައީސް ޔާމީނަކީ ސޯފާ [ސްޓޭޓަސް އޮފް ފޯސް އެގްރީމެންޓް] އެއްގެ ދަށުން އަސްކަރީ މަރުކަޒެއް ގާއިމްކުރަން އެމެރިކާ އިން ހުށަހެޅުމުން އެކަމާ ދެކޮޅު ހެއްދެވި ބޭފުޅެއް. އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް އަވަށްޓެރިއަކު، އިންޑިއާ.... ކަންބޮޑުވާ ފަދަ އެއްވެސް ކަމެއް ކުރާކަށް. އަވަށްޓެރިންނަށް ނުރައްކަލަކަށްވާ ފަދަ ހާލަތެއްގައި އޮންނާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" އަދީބު ވިދާޅުވެފައިވެ އެވެ.

އަދީބު ވިދާޅުވެފައި ވަނީ އެފަދަ މަޝްރޫއެއް (އަސްކަރީ މަރުކަޒެއްގެ މަޝްރޫއެއް) ރާއްޖޭގައި ހިންގަން ޗައިނާ އިން ދުވަހަކު ވެސް ޝައުޤުވެރިކަން ފާޅު ނުކުރާ ކަމަށެވެ. ނަމަވެސް ޗައިނާ އިން ޝައުގުވެރިވަނީ އެއާޕޯޓްތައް ފަދަ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމުގައި ރާއްޖެއާ ބައިވެރިވުމަށާއި ރާއްޖެ އަށް ލޯނު ދޫކުރުމަށް ކަމަށް ވެސް އަދީބު ވިދާޅުވެފައިވެ އެވެ.

ރާއްޖެ އަށް އެންމެ ބޮޑަށް ޝައުގުވެރިވަނީ މެދު އިރުމަތީގެ ގައުމުތަކުން ކަމަށް ވެސް އެ އިންޓަވިއުގައި އަދީބު ވިދާޅުވެފައިވެ އެވެ.

"...މެދު އިރުމަތިން އަޅުގަނޑުމެންނަށް އެބަފެނޭ މާ ބޮޑު ޝައުގުވެރިކަން. ހާއްސަކޮށް އެސަރަހައްދުގެ ޝާހީ އާއިލާތަކުން. އެމީހުންނަށް ދިވެހިރާއްޖެއަކީ ބަހްރައިން ފަދަ ތަނެއް." އަދީބު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ޗައިނާ އިން އަސްކަރީ މަރުކަޒެއް ހަދަން އުޅޭ ކަމުގެ ވާހަކަތައް ފެތުރުމުން ޗައިނާ އިން ވެސް ވަނީ ރަސްމީކޮށް އެކަން ދޮގުކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓްރީން ރޮއިޓާސްއަށް ފޮނުވި ބަޔާނެއްގައި ބުނެފައި ވަނީ "ޗައިނާ އިން ދިވެހި ރާއްޖޭގައި ބޭސްއެއް ގާއިމްކުރަން އުޅޭ ކަމަށް ބުނި ބަޔަކު އެބުނި ވާހައަކީ އެއްވެސް އަސްލެއް ނެތް ވާހަކައެއް" ކަމަށެވެ.