ސަރުކާރުގެ އިސްވެރިންތަކެއް ބަރަހަނާވެފައިވާ ކަމަށް ބުނެ، ބްލެކްމެއިލްގެ ކުރުމަށް ބޭނުން ކުރި ވީޑިއޯތައް އިންޓަނެޓް ވެބްސައިޓްތަކުގައި ލީކުވާންފަށައިފި އެވެ.

އިންޓަނެޓް ވެބްސައިޓްތަކުގައި ލީކުވާން ފެށި ބައެއް ވީޑިއޯތަކުން ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސް ވެރިންގެ ތެރެއިން، ސްޓޭޓް މިނިސްޓަރުގެ ނައިބު ފެންވަރުގެ ބޭފުޅެއްގެ ވީޑިއޯއެއް ވެސް ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އެފަރާތްތަކުން ބުނި ގޮތުގައި އެ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއަކުން ފެންނަނީ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު އޭނަ އަށް ހާއްސަކޮށްފައިވާ ކޮޓަރިކޮޅުގައި އިންނަވައިގެން، ކޮމްޕިއުޓަރެއްގެ ކައިރީ ވެބް ކެމްއެއް ބޭނުންކުރައްވައިގެން ލަދުވެތި އަމަލެއް ހިންގަވާ ތަނެވެ. އަދި އޭނާ އެ އަމަލްތައް ހިންގެވުމަށް ފަހު، ކޮމްޕިއުޓަރުގެ ކީޕޯޑުން ޓައިޕު ކުރައްވާ ކަމަށް ވެސް އެ ވީޑިއޯ ބެލި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ. އަދި "އެއަމަލް" އޭނާ އަމިއްލަ އަށް ހިންގަވާ އިރު އެތަނަށް މީހަކު އާދޭތޯ ވަށައިގެން ބޯ އަނބުރުއްވައި ފާރަލާ މަންޒަރު ވެސް ވީޑިއޯ އިން ފެންނަ ކަމަށް އެ މީހާ ބުންޏެވެ.

ސަރުކާރުގެ އިސްވެރިއެއްގެ ވީޑިއޯއެއް ލީކްވީ ކަމަށް ބައެއް މީހުން ބުނީ، މާލެ މުނިސިޕަލްޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް އާދަމް ޝާކިރު ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯ އާންމުވި ކަމުގެ ތުހުމަތުގައި އޭނާ ސަސްޕެންޑް ކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެ އެވެ.

ބަރަހަނާ ވީޑިއޯތައް އާންމުވާ އިރު، ފުލުހުން ދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ. އަދި ބަރަހަނާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރާ ކަމުގެ ތުހުމަތުގައި 14 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ނަމަވެސް ސިވިލް ސާވިސްގެ މުވައްޒަފަކު ސަސްޕެންޑް ކުރުން ފިޔަވައި ސިޔާސީ އެއްވެސް ބޭފުޅަކާ ދޭތެރޭ ފިޔަވަޅެއް އެޅުއްވި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.