31 Jul 2015, 22:14
މިނިވަން 50 އާ ގުޅިގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ "ހެވިކަމާ ކުޅިވަރު" ބަލާލުމަށް ދައުވަތު ކާޑު ހިފައިގެންނާއި ފާސް ހިފައިގެން ދަނޑަށް ވަންނަން ގޮސް ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ދަނޑަށް ނުވަދެވުނެވެ.
ދަނޑަށް ނުވަދެވި ތިބި ބައެއް މީހުންގެ ތެރޭގައި ދައުލަތުން ދައުވަތު ދެއްވައިގެން ވަޑައިގެން ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ބޭފުޅުންނަށް ދަނޑަށް ނުވަދެވުނީ 9:00 ގެ ފަހުން ގޭޓުތައް ލެއްޕުމުންނެވެ.
ހޯމް މިނިސްޓްރީން އިއްޔެ ބުނީ ފާސް ހިފައިގެން ދަނޑަށް ވަޑައިގަންނަވާ ބޭފުޅުންނާއި ދައުލަތުން ދައުވަތު ދެއްވައިގެން ވަޑައިގަންނަވާ ބޭފުޅުން މިރޭ 9:00 ގެ ކުރިން ދަނޑަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. ނަމަވެސް 9:00 ފަހުން ދަނޑަށް ވަޑައިގަންނަވާ ފަރާތްތަކަށް ދަނޑަށް ވަނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ދަނޑުގައި ސެކިއުރިޓީ ބަލަހައްޓަން ހުރި ސެކިއުރިޓީއަކު 'ސަން' އަށް ބުނީ ދަނޑުގެ ގޭޓްތަށް މިހާރު ހުރީ ބަންދުކޮށްފައި ކަމަށާއި، ދެން އެއްވެސް ބޭފުޅަކަށް އެތެރެއަށް ނުވަދެވޭނެ ކަމަށާއި، ދަނޑުގައި ތިބި ފަރާތްތަކަށް ބޭރަށް ވެސް ނުދެވޭނެ ކަމަށެވެ.
"އެއްވެސް ބޭފުޅަކަށް އެތެރެއަކަށް ވެސް ނުވަދެވޭނެ، ބޭރަށް ވެސް ނުދެވޭނެ އެތެރޭގައި ތިބި ބޭފުޅުންނަށް، އެއީ އިންތިޒާމުތަށް ހަމަޖެހިފައި އޮތްގޮތް،" ސެކިއުރިޓީ ވިދާޅުވި އެވެ.
ދަނޑު ބޭރުގައި ތިބެ ފާސްހިފައިގެން ދިޔަ ފަރާތްތަކާއި ދައުލަތުން ދައުވަތު ދެއްވައިގެން ވަޑައިގެން ބައެއް ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.
"7:45 ވީ އިރު ކިއުގައި ޖެހެފިން، މިހަމައައިމަ އެ ބުނީ ދެން ނުވަދެވޭނެ އޭ" ދައުލަތުން ދައުވަތު ދެއްވައިގެން ވަޑައިގެން ހުއްނެވި އޮފީހެއްގެ އިސްވެރިއަކު ވިދާޅުވި އެވެ.