އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމް ކުޅުނު ފުރަތަމަ މެޗުން ޕެނަލްޓީ ޖަހައިގެން 4-3ގެ ނަތީޖާއަކުން މަޔޯއްޓޭ އަތުން ބަލިވެއްޖެ އެވެ.

މެޗްގައި ފުރަތަމަ ލީޑް ނެގީ ވެސް މަޔޯއްޓޭއިންނެވެ. މެޗްގެ 20 ވަނަ މިނެޓްގައި އެޓީމަށް ލީޑް ނަގައިދިނީ ނަދީމާ އެވެ.

ނަމަވެސް ލީޑްގައި މާގިނައިރަކު މަޔޯއްޓޭއަކަށް ނޯވެވުނެވެ. ނަދީމާ ލަނޑު ޖެހިތާ އެއް މިނެޓް ނުވަނީސް ރާއްޖޭގެ އާމިނަތު އަރީޝާ ވަނީ ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

މިނަތީޖާ އިން މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުމުން މަޔޯއްޓޭގެ ޕެނަލްޓީތައް ކާމިޔާބުކުރި އިރު، ރާއްޖެ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔަބުވީ އާމިނަތު ޒާހިޔާ ޖެހި ޕެނަލްޓީ އާއި ޝާމިލާ ޖެހި ޕެނަލްޓީ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިރޭ ރާއްޖެއާއި މަޔޯއްޓޭޭ ބައްދަލު ކުރި މެޗްގެ ތެރެއިން ރާއްޖޭގެ ކެޕްޓަަން ފަދުވާ ޒާހިރު އަތުން ބޯޅަ ހޯދުމަށް މަޔޯއްޓޭގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- ފޮޓޯ/ އެމްއޯސީ

ފުރަތަމަ މެޗްގައި ޕެނަލްޓީ ޖެހީ މި ގްރޫޕުގައި ތިން ޓީމު ހިމެނޭތީ ނަތީޖާ ނެރެން ޖެހޭތީކަމަށް މުބާރާތް ކަވަރު ކުރުމަށް ދިޔަ ދިވެހި މީީޑއާ ޓީމުން ވަނީ ބުނެފަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިރޭ ރާއްޖެއާއި މަޔޯއްޓޭޭގެ މެޗަށް ފަހު ރާއްޖޭގެ ކުޅުންތެރިން ދަނޑުމަތީގައި މަޑުކޮށްލައިގެން --- ފޮޓޯ/ އެމްއޯސީ

މިމެޗުން ބަލިވުމުން ސެމީފައިނަލަށް ދިއުމަށް ރައްޖެއަށް އޮތީ ހަނި ފުރުސަތެއް ކަމަށް މީޑިއާ ޓީމުން ބުންޏެވެ. އެއީ ރާއްޖެ ދެން ކުޅެން ޖެހޭ މެޗްގައި ސީޝެލްސް އަތުން މޮޅުވެ، ސީޝެލްސް އާއި މެޔޯޓް ބައްދަލު ކުރާ މެޗުން މަޔޯއްޓޭ ބަލިވެގެންނެވެ.