31 Jul 2015, 21:21
ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކުޅޭ މެލޭޝިއާގެ ޕީޑިއާރްއެމްގެ ހެޑް ކޯޗް އަޒުމާން އަދުނާނާއި އެސިސްޓެންޓް ކޯޗް ނަޒަރުލަވާން މަކްމޯރްއާއި އެޓީމްގެ ކްޕެޓަން މުސްލިމް އަހްމަދާއި މިޑްފީލްޑަރު މޮހްދު ނޫރުލް އަޒުވާން ރާޔޯގެ ކޮންޓްރެކްޓް ޕީޑީއާރްއެމުން ބާތިލްކޮށްފިއެވެ.
މެލޭޝިއާގެ މީޑިއާތަކުން ބުނަނީ އެ ހަތަރު މީހުންގެ ކޮންޓްރެކްޓު ބާތިލްކުރީ މެޗް ފިކްސިންގެ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް ޕީޑީއާރްއެމުން ބުނީ އެ ހަތަރު މީހުންގެ ކޮންޓްރެކްޓު ބާތިލްކޮށްފައި ވަނީ ޓީމަށް ދޭންވާ ވަރަށް ވަގުތު ނުދޭތީ އާއި އެމީހުންގެ ޚިދުމަތް އެކަށީގެންވާ ވަރަށް ޓީމަށް ނުލިބޭތީ ކަމަށެވެ.

އަޒުމާން އަދުނާން: އޭނާގެ ކޮންޓްރެކްޓް މެލޭޝިއާގެ ޕީީޑީއާރްއެމުން ވަނީ ބަތިލްކޮށްފައި --- ފޮޓޯ/ މެލޭޝިއާ ފުޓްބޯލް
މެލޭޝިއާގެ ބައެއް މީޑިއާތަކާއި އާސިއާންގެ ބައެއް މީޑިއާތަކުން ވަނީ އެ ޓީމްގެ ދެ ކޯޗިން ސްޓާފުންނާއި ދެ ކުޅުންތެރިން ރިޝްވަތު ހިފާތީ ޓީމުން ދޫކޮށްލި ކަމަށް ތުހުމަތުކޮށްފައެވެ. މީޑިއާތަކުގެ އެ ރާގު ބަދަލުކޮށްލުމުގެ ގޮތުން ޕީޑީއާރްއެމްގެ ހެޑް އޮފް ޑެލިގޭޝަން، ދާތުކް މުހައްމަދު ފުއާދު ކަރީމް ވިދާޅުވީ އެ މީހުންގެ ކޮންޓްރެކްޓް ބާތިލް ކުރިކުރުމާ ރިޝްވަތުގެ އެއްވެސް ކަމަކާ ގުޅުމެއް ނެތް ކަމަށެވެ.

ނަޒަރުލަވާން މަކްމޯރް: އޭނާގެ ކޮންޓްރެކްޓް މެލޭޝިއާގެ ޕީީޑީއާރްއެމުން ވަނީ އޭނާގެ ކޮންޓްރެކްޓް ބަތިލްކޮށްފައި --- ފޮޓޯ/ މެލޭޝިއާ ފުޓްބޯލް
"އެމީހުންގެ ކޮންޓްރެކްޓް ބަތިލް ކުރުމުގެ ކުރިން ދިރާސާ ކުރިން. އޭގެއިން އަހަރެމެންނަށް އެނގުނީ މިވަގުތު ޓީމަށް އެންމެ ރަނގަޅުވާނީ ވީއެންމެ އަވަހަށް އެމީހުންގެ ކޮންޓްރެކްޓް ބާތިލް ކުރުންކަން،" މެލޭޝިއާގެ ދުވަހު ނޫސް ޔޫޓްސަން އަށް ދިން އިންޓަވިއުއެއްގައި ފުއާދު ކަރީމް ވިދާޅުވިއެވެ.
ކޮންޓްރެކްޓް ބާތިލު ކުރީ ޓީމަށް އެކަށީގެންވާ ވަރަށް އެމީހުން މަސައްކަތް ކޮށްނުދޭތީ ކަމަށް ފުއާދު ވިދާޅުވިއިރު އޭނާ ވަނީ އެ ހަތަރު ކުޅުންތެރިންގެ އަޚްލާގީ މައްސަލައެއް ހުރި ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

މުސްލިމް އަހްމަދު: އޭނާގެ ކޮންޓްރެކްޓް މެލޭޝިއާގެ ޕީީޑީއާރްއެމުން ވަނީ ބާތިލްކޮށްފައި--- ފޮޓޯ/ މެލޭޝިއާ ފުޓްބޯލް
މުސްލިމް އަހްމަދާއި އަޒުވާނަކީ މިއަހަރު އެޓީމާ ގުޅުނު ދެކުޅުންތެރިންނެވެ.
ކޯޗް އަޒުމާން މަކްމޯރްގެ ބަދަލުގައި އެޓީމުން މިހާރު ވަނީ ސީޒަންގެ ކުރިއަށް އޮތް ތަނަށް އާ ކޯޗަކު ހަމަޖައްސާފައެވެ.

މޮހްދު ނޫރުލް އަޒުވާން ރާޔޯ: އޭނާގެ ކޮންޓްރެކްޓް މެލޭޝިއާގެ ޕީީޑީއާރްއެމުން ވަނީ ބަތިލްކޮށްފައި --- ފޮޓޯ/ މެލޭޝިއާ ފުޓްބޯލް
ޕީޑީއާރްއެމްއަކީ މިއަހަރު ރާއްޖޭގައި ބޭއްވި ޕީޕަލްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމްވެސް މެއެވެ.