31 Jul 2015, 19:10
މިނިވަން 50އާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެން އަރުވާ ވަޑާމުން އަންނަ ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ފެން އަރުވާ ވަޑާން ތައްޔާރު ކުރި އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ފެން އަރުވާ ވަޑާމުން އަންނަ ފެނުގެ މައްސަލަތަކެއް އުޅޭ ކަމަށާއި އެ ފެނުން ނުބައި ވަސް ދުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝޯޝަލް މީޑިއާގައި އަޑު ފަތުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ މައިދާން ސަރަހައްދަކީ ކޮތަރަ ފަދަ އެއްޗެހި އުޅޭ ތަނަކަށް ވާތީ ފެން އަރުވާ ވަޑާމުން އަންނަ ފެނަކީ "ކޮލިޓީ" ރަނގަޅު ފެނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.
"ބައެއް ބޭފުޅުން ރެއިޒް ކުރެއްވި ކޮންމެ ވެސް ކަހަލަ ވަހެއް އެތަނުން ދުވާ ވާހަކަ. ދެން އެ ވެސް އަޅުގަނޑުމެން ބެލިން. ބެލިއިރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ އެ ދުވާ ވަހާ ފެން އަރުވާ ވަޑާމުން އަންނަ ވަހާ އެއްވެސް ގުޅުމެއް ނެތްކަން. އެއީ ހަގީގަތުގައި އެނގިވަޑައިގަންނަވާނެ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މުޅި ޖުމްހޫރީ މައިދާން އެއްކޮށް ރިނޮވޭޓު ކުރަމުން ގެންދިޔައީ. މުޅިން އަލަށް ވިނަ ގެނެސްގެން ވިނަ އެތަނުގައި ހައްދައިގެން ގެންދިޔައީ. ދެން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ އެ ވިނައަށް ފެން އެޅި އެތަނުން އަރާ ވަހެއްކަން މި އަރަނީ،" ހަލީމް ވިދާޅުވި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު
ފެން އަރުވާ ވަޑާމުން އަންނަ ފެނުގެ "ފިލްޓުރޭޝަނަކީ" ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ވެސް ބޭނުން ކުރަމުން އަންނަ ސިސްޓަމުތަކެއް ކަމަށް ހަލީމް ވިދާޅުވި އެވެ.
"އެ ފިލުޓުރޭޝަން ސިސްޓަމުތަކުން ހަމަ އަބަދުވެސް ފެން ފިލްޓާ ކުރެވެމުން ދާނެ، ފެނުގެ ކޮލިޓީ ޕީއެޗް ލެވެލްއާ ކުލޮރިން ލެވަލްއާ ހުރިހާ އެއްޗެއް ހަމަ މޮނީޓާ ކުރަމުން ދާނީ. އޭގެ މައްސަލަތަކެއް އުޅެންޏާ އަޅުގަނޑުމެން އެއަށް އެޓެންޑު ކުރަމުން ދާނެ،" ހަލީމް ވިދާޅުވި އެވެ.
ފެން އަރުވާ ވަޑާމުގެ ފިލްޓުރޭޝަން ސިސްޓަމް ގާއިމްކޮށްފައިވާ އަކުއާ ސޮލިއުޝަންގެ މެނޭޖިން ޑިރެކްޓަރު ޝަނީޒު ވިދާޅުވީ ފެން އަރުވާ ވަޑާމުގައި ގާއިމްކޮށްފައިވާ "ފިލްޓުރޭޝަން ސިސްޓަމަކީ" ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގެ އިތުރުން ދުނިޔޭގެ ރިސޯޓުތަކުގެ "ޕޫލު" ތަކުގައި ބޭނުން ކުރާ ސިސްޓަމު ކަމަށެވެ.
ފެން އަރުވާ ވަޑާމުގެ ފިލްޓުރޭޝަން ސިސްޓަމް ގާއިމްކޮށްފައިވާ އަކުއާ ސޮލިއުޝަންގެ މެނޭޖިން ޑިރެކްޓަރު ޝަނީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު
"ކޮންމެ ދުވަހަކު އެތަނަށް އެޅޭ ހަޑި ފެނާ އެއްޗެހި ބަރާބަރަށް ފިލްޓާ ކުރަމުން މިގެންދަނީ. ބަރާބަރަށް މޮނީޓާ ކުރަމުން ފިލްޓާ ކުރަމުން މިގެންދަނީ. ދުވާލެއްގެ މައްޗަށް ހެނދުނު މެންދުރު އަނެއްކާ ހަވީރު މޮނީޓާ ކުރަން. އަނެއްކާ ފެން އަރުވާ ވަޑާން މި ޖައްސަނީ ބަލާފައި އެ އިންނަންޖެހޭ ޕެރެމީޓާ އަށް ބަލާފައި. ދެން މިޖައްސަނީ." ޝަނީޒު ވިދާޅުވި އެވެ.
އެމްޓީސީސީން ހަދާފައިވާ ފެން އަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު އެ ފެންއަރުވާ ވަޑާމެކެވެ. އެ ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ އެކުވެރިކަން ދައްކުވައިދޭ ބިނާއެކެވެ. އެ ފެން އަރުވާ ވަޑާން ފަރުމާކޮށްފައިވަނީ ފެނުން ތެމިލައި އޭގެ ތެރޭގައި ކުޅެ ހެދުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. އަދި މީހުންނަށް އިށީނދެ ތިބެވޭގޮތަށެވެ.