31 Jul 2015, 18:09
މީގެ އަހަރެއްހާ ދުވަސް ކުރިން ގެއްލިފައިވާ އެމްއެޗް370 ގައި ބޭނުން ކުރި ކަމަށް ބެލެވޭ ފުޅިތަކެއް އިންޑިއާ ކަނޑުގައިވާ ރިޔުނިއަންއަށް ލައްގާފައި އޮއްވާ ފެނިއްޖެ އެވެ.
ރިޔޫނިޔަންގެ ކަނޑުގެ އައްސޭރިފަށުން އެމްއެޗް370ގެ ފިޔައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނިކޮށް، އެ ގައުމުގެ އައްސާރިފަށުން ފެނިފައި ވަނީ ޗައިނާގައި އުފައްދާ ބްރޭންޑެއްގެ ފެންފުޅިތަކަކާއި އިންޑަނޭޝިއާގައި އުފައްދާ ފުޅިތަކެކެވެ. އެ ފުޅިތަކަކީ ތަންތަން ސާފުކުރަން ގެންގުޅޭ އެއްޗެހިތަކެކެވެ.
މެލޭޝިއަން އެއާލައިންސް އިން ބުނެފައި ވަނީ އެ ބްރޭންޑްގެ ފެން ފުޅި އަދި ސާފުކުރަން ބޭނުން ކުރާ ފުޅިތަކަކީ އެ އެއާލައިންގެ ބޯޓުތަކުގައި ބޭނުން ކުރާ ބްރޭންޑްތައް ކަމަށެވެ.

ރީޔުނިއަނުން ފެނުނު މަތިންދާބޯޓު އޮތް ސަރަހައްދުން ފެނުނު ސާފުކުރަން ބޭނުން ކުރާ ފުޅިއެއް -- ފޮޓޯ - ސްކައި ނިއުސް
މިދިޔަ އަހަރު ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިޔާ އެއާލައިިންގެ އެމްއެޗް 370 ފްލައިޓްގެ ބައެއް ކަމަށް ޔަގީންކުރެވޭ ކަމަށް މެލޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު އަބްދުލްއަޒީޒް ކީރާވީ ވެސް ވަނީ ވިދާޅުވެފަ އެވެ.
ރިޔުނިޔަންގެ ކަނޑުގެ އައްސޭރިފަށުން ފެނުނު މަތިންދާ ބޯޓެއްގެ ބައަކީ ގެއްލިފައިވާ މެލޭޝިޔާ އެއަލައިިންގެ އެމްއެޗް 370 ފްލައިޓްގެ ބައެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ތަހްގީގުތަކާއި ތަހުލީލްތައް ކުރުމަށްޓަކައި މެލޭޝިޔާ އިން މިހާރު ވަނީ އެ ގައުމަށް ތަޖުރިބާކާރުންގެ ޓީމެއް ފޮނުވާފަ އެވެ.
މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ވިދާޅުވީ ރިޔުނިޔަންގެ ކަނޑުގެ އައްސޭރިފަށުން ފެނުނު ބަޔަކީ އެމްއެޗް 370 ފްލައިޓްގެ ބައެއްތޯ ކަށަވަރުކުރުމުގެ ތަހުގީގްތަކާއި ތަހްލީލްތައް މެލޭޝިޔާގެ ޓީމުން ވަރަށް ރަނގަނޅަށް ކުރާނެ އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާއެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.