10 Mar 2011, 15:31
ލ. ގާދޫ ކައުންސިލަރު މޫސާ ނަދީމް އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
އެމްޑީޕީން ބުނީ، އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވީ، އެކަމަށްޓަކައި ލ. ފޮނަދޫގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގެންނެވުމުގެ ސަބަބުން، ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރުކަމުގެ މަގާމު ދެއްވި މުޙައްމަދު ޝިހާބެވެ.
ނަދީމަކީ، ފަސް ކައުންސިލަރުން ހިމެނޭ ގާދޫ ކައުންސިލަށް އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި ހަމައެކަނި ކައުންސިލަރެވެ. ދެން ތިއްބެވި ހަތަރު ކައުންސިލަރުންނަކީ ޑީއާރުޕީގެ ބޭފުޅުންނެވެ.
އަމިއްލަ ގޮތުން ކައުންސިލް ކާމިޔާބު ކުރައްވާފައިވާ ފަސް ބޭފުޅަކު މީގެ ކުރިން ވެސް އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ. އެކަމުގެ ސަބަބުން ލޯކަލް ކައުންސިލްގެ އިންތިހާބަށް ފަހު، ގއ. ކޮނޑޭ އާއި ތ. ބުރުނީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ވަނީ ލިބިފަ އެވެ.
އަމިއްލަ ފަސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮނޑޭ ކައުންސިލްގެ ތިން ކައުންސިލަރަކު އެމްޑީޕީއަށް ސޮއިލުރައްވާފައިވާ އިރު، ބުރުނީގެ ދެ ކައުންސިލަރަކު ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ.
ބުރުނީ ކައުންސިލްގެ މެޖޯރިޓީން ކުރިން އަމިއްލަ މެންބަރުންނަށް އޮތް ނަމަވެސް ދެ މެންބަރުން އެމްޑީޕީއަށް ސޮއިކުރެއްވުމުން، ކައުންސިލްގައި ހިމެނި ވަޑައިގަންނަ ވަނީ، އެމްޑީޕީގެ ހަތަރު މެންބަރުންނާއި އަމިއްލަ މެންބަރެކެވެ.