31 Jul 2015, 16:34
ގިނަ މީހުންގެ އެންމެ އުފާވެރި ހަނދާނަކަށް ވާނީ ކުލަގަދަ އުފަންދުވަސްތަކާއި، މަޖާ ޗުއްޓީތަކާއި، އާއިލީ ކެއުންތަކެވެ. ނަމަވެސް މި ހުރިހާ ކަމަކުން ކާއެއްޗިހި ވަކިކޮށްލީމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟
ފުރަތަމަ ނަޒަރުން ބަލައިލާއިރު 19 އަހަރުގެ އެލެކްސް ވިސްކާ ހީވަނީ އާދައިގެ ޒުވާނެއް ހެންނެވެ. އޭނާ އޭނާގެ ލޯބިވެރިޔާއާ އެކު ބޭރަށް ދެއެވެ. އޭނާގެ ރައްޓެހިންނަށް ކައްކައިދެއެވެ. ނަމަވެސް އޭނާއަކަށް އޭގެން އެއްވެސ އެއްޗެއް ނުކެވެއެވެ.
އެއްވެސް ކާއެއްޗެއް ނުކެވެއެވެ.
އޭނާ ކާއެއްޗެއް ކައިފި ނަމަ އެތައް ދުވަހެއް ވަންދެން ތަދު ތަހައްމަލު ކުރަންޖެހެއެވެ. ބައެއްފަހަރު ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ދެއެވެ.
"އޭނާ މުޅި އުމުރުހެން ބަލިކޮށް އުޅެނީ. ވަރަށް ކުޑައިރުއްސުރެން އަބަދު ހޮޑުލަވާ، ބަނޑުގަ ރިއްސާ، ބޮލުގަ ރިއްސާ، ކަށިތަކުގަ އާއި ގައިގެ މަސްތަކުގައި ރިއްސާ، ކުއްލިއަކަށް ލޭގެ ޕްރެޝާ ދަށްވެ، މޭގަ ރިއްސާ، ބިހިނަގާ، ވަރުބަލިވެ، ފަހުންފަހުން ބަނޑު ކުއްލިއަކަށް ތެޅިގަންނަން ވެސް ފައްޓާ. ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ބައެއް ފަހަރުދޭ،" އެލެކްސް ގެ މަންމަ ކިޔައިދިނެވެ.
"އަހަރެން ބަނޑުހައިވޭ. އަހަރެން އަބަދުވެސް ކާއެއްޗެއް ބޭނުންވޭ. އެކަމަކު އަހަންނަށް އިނގޭ ކައިފިއްޔާ މާ ގޯސްވާނެކަން،" 19 އަހަރުގެ އެމެރިކާގެ މި ޒުވާނާ ޕީޕަލް މެގަޒިން އަށް މިދިޔަ ހަފްތާތެރޭ ދިން އިންޓަވިއު އެއްގައި ބުންޏެވެ. "ކާން ބޭނުންވިޔަސް އެކަމަށް ޓަކައި އަހަރެންގެ ފުރާނަ ދުއްވައެއް ނުލެވޭނެ. އަހަރެން ދިރިހުންނަން ބޭނުން."
އަހަރުތަކެއް ވޭނުގައި ހޭދަކޮށް އެލެކްސް ގުރޭޑު ފަހެއްގައި އުޅެނިކޮށް އޭނާގެ މައިންބަފައިން ކަމުގައިވާ ކެވިން އާއި ޖޯޑީ އެ ވޭނުގެ އަޑީގައިވާ ސަބަބު ހޯދަން އަޒުމު ކަނޑައެޅި އެވެ.
ގިނަ ޑޮކްޓަރުން އެލެކްސް އަށް ވާ ގޮތް ކިޔައިދިނުމުން ވަރަށް ހައިރާން ވެއެވެ. އަދި އެލެކްސް ދޮގު ހަދަނީތޯ، ކަންތައް ބޮޑުކޮށްލައިން އުޅެނީތޯ އަހައި އެއީ ނަފްސާނީ މައްސަލައެއް ކަމަށް ބުންޏެވެ.
"ޓެސްޓު ތަކުން އެނގުނު އެލެކްސް ބައިވަރު، ބައިވަރު ކާތަކެއްޗަށް އެލާޖިކު ކަން،" އެލެކްސް ގެ މަންމަ ޖޯޑީ ބުންޏެވެ. "އެއާ އެކު ވަރަށް ބޮޑަށް ޔަގީން ކުރެވިގެން ދިޔަ އޭނާގެ ގިނަ މައްސަލަތަކުގެ އަޑީގައި ވަނީ އޭނާ ކާ އެއްޗެހިކަން."
އޭގެ ފަހުން އެލެކްސް މަޝްހޫރު އެލާޖިސްޓް/އިމިއުނޮލޮޖިސްޓެއް ކަމުގައިވާ ޑރ. ޖެރަލްޑް ގްލެއިޗް ކައިރިއަށް ގެންދެވުނެވެ. މިކަހަލަ ބައިތައް ތަހުލީލު ކުރުމުގެ ތަޖުރިބާ ހުރި ޑރ. ޖެރަލްޑް އަށް ފާހަގަ ކުރެވުނީ ކާތަކެތީގައި އެކުލެވޭ ޕްރޮޓީންސް އައް އެލެކްސް އެލާޖިކު ކަމެވެ. އޭގެ ފަހުން މި ފާއިތުވި 4 އަހަރުތެރޭ އެލެކްސް ބަނޑު ފުރަނީ ހޮޅިއަކުން ގިނަ ކެލަރީ އާއި ނިއުޓްރިއަންޓްސާ ބޭނުންކޮށްގެން އުފައްދާފައިވާ ފޯމިއުލާއެއް ހަށިގަނޑުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
"އަހަރެން ކާ އެއްޗެހީގެ ރަހަ ހަނދާން ހުންނާތީ މީ އަހަންނަށް ވަރަށް ދަތި ކަމަކަށް ވަނީ،" އެލެކްސް ޕީޕަލް މެގަޒިން އަށް ކިޔައިދިނެވެ. "ކާއެއްޗެހި ފެނުމުން، ކާއެއްޗެހީގެ ވަސް ޖެހުމުން، ހާއްސަކޮށް އެއީ އަހަންނަށް ވަރަށް މީރު އެއްޗެއް ވިއްޔާ ވަރަށް ކާހިތްވޭ."
އެލެކްސް އޭނާގެ ބަލީގެ ސަބަބުން ހައި ސްކޫލަށް ޖުމުލަ 300 ދުވަސް ނުގޮސް މަޑުކުރަން ޖެހުނު ކަމުގައި ވިޔަސް އޭނާ ވަނީ އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދާފަ އެވެ.
އެލެކްސް އޭނާގެ ބަލި ހާލާ އެކު ވެސް ހިތްވަރެއް ދުލެއް ނުކުރެއެވެ. އޭނާ ބޭނުންވަނީ ކޮލެޖަށް ކޮމްޕިއުޓާ ޕްރޮގްރާމިން ކިޔަވަން ދާށެވެ.
"އެލެކެސް އޭނާގެ އެކުވެރިންނަށް ކައްކައިދޭ. އޭނާގެ ލޯބިވެރިއާ ގޮވައިން އައިސްކްރީމް ބޯންދޭން ދޭ. އޭނަ ކުރިމަތީ އެއްވެސް މީހަކު ކަނީ އޭ ކިޔާފަ މައްސަލައެއް ނުޖައްސާ. އަބަދު އެނދުގައި އޮށޯވެގެން އޮންނަން ޖެހޭ ވަރު ނުވާތީ އުފާ ކުރޭ،" އެލެކްސް ގެ މައިންބަފައިން އޭނާގެ ހިތްވަރު ގަދަ ކަމާމެދު ފަހުރުވެރިވެ އެވެ.
އެލެކްސް ޕީޕަލް މެގަޒިން އަށް ދިން އިންޓަވިއު ނިންމާލަމުން ބުންޏެވެ، "މުޖުތަމައުގެ ހުރިހާ ކަމެއް ވަނީ ކާނާއާއި ގުޅިފައި. އެކަމު އަހަރެން އެއާ ނުލާ އުޅެން ދަސްކޮށްފިން. އަހަރެން ކާއެއްޗެހީގެ ރަހަ ހަނދާން އެބަހުރި. އަހަރެން ޖެހޭނީ އެވަރުން ފުއްދާލަން."