31 Jul 2015, 15:58
ލ. އަތޮޅު ފަޅުރަށެއް ކަމަށްވާ ހުޅިމެންދޫއިން އަންހެނަކާއެކު ފަސް ފިރިހެނަކު މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން އިއްޔެ އަތުލައިގަތީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަމަށް ލ. މާމެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. މާމެންދޫ ޕޮލިސް ސްޓޭޝަނާއި ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 21 އަހަރުގެ އަންހެނެކެވެ.
އެ ހަ މީހުން ހައްޔަރު ކުރި އޮޕަރޭޝަންގައި އެ މީހުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި އެ މީހުން ތިބި ސަރަޙައްދުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވެސް އެ ރަށުން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ހުޅިމެންދޫއިން ހައްޔަރު ކުރި މީހުންގެ ތިބި ސަރަހައްދުން ވަނީ މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުން ކުރާ އާލާތްތައް ފެނިފައި-- ފޮޓޯ/ ޕޮލިސް
ހުޅިމެންދޫއިން ހައްޔަރު ކުރި އެ ހަ މީހުންގެ ކުޑަކަމުދާތަކެތި ތަޙުލީލު ކުރިއިރު 18 އަހަރުގެ ދެ ފިރިހެނުންނާއި 20 އަހަރުގެ ފިރިހެންމީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ކޯޓުން އަމުރުކޮށްފައި ވަނީ 18 އަހަރުގެ ދެ މީހުންނާއި 20 އަހަރުގެ މީހާ ފުލުހުންގެ ތަހުގީގަށް 15 ދުވަހަށް ބަންދު ކުރުމަށެވެ. އަދި 22 އަހަރުގެ މީހާއަށާއި 19 އަހަރުގެ މީހާ 10 ދުވަހަށް ބަންދު ކުރުމަށާއި 21 އަހަރުގެ އަންހެން މީހާ ހަތް ދުވަހަށް ބަންދު ކުރުމަށެވެ.