31 Jul 2015, 15:10
ރާމަﷲ (ޖުލައި 31) : ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރިކުރުވާފައިވާ ހައްދު ފަހަނަޅާފައިވާ ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ފަލަސްތީނުގެ އާއިލާއެއްގެ ގޭގައި ހުޅުޖަހައި އެގޭގައި ދިރިއުޅޭ އާއިލާގައި ހިމެނޭ ތުއްތު ކުއްޖަކު އަންދާލައިފި އެވެ.
ފަލަސްތީނުގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ހައްދު ފަހަނަޅާފައިވާ ޔަހޫދީ ވަޒަންވެރިން އެގޭގައި ހުޅުޖަހާފައި ވަނީ އެ އާއިލާ ނިދާފައި ތިއްބަ އެވެ. މި ގެ ހުންނަނީ ހުޅަނގު އައްސޭރީގެ ނާބްލްސްގެ ކަރީގައިވާ ދޫމާ ވިލެޖްގަ އެވެ. ގޭގައި ހުޅުޖެހިއިރު އެ އާއިލާ ނިދާފައި ތިބުމުން އެ މީހުންނަށް ހޫނު އިޙްސާސްވެގެން ހޭލެވުނުއިރު ގެއިން ސަލާމަތުން ނުުކުމެވޭވަރަށްވުރެ އަލިފާން ވަނީ ގަދައަށް ހިފާފަ އެވެ. އަލިފާނުގެ ތެރޭން ގެއިން ނުކުތްއިރު ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ފިހިގެން މަރުވެފައި ކަމަށް އެ އާއިލާއިން ބުންޏެވެ. ހިފާފައިވާ ބިންތަކުގައި އެހެންބަޔަކު ވަޒަންވެރި ކުރުވައި އެ ބިމުގެ ޑިމޮގްރަފީއަށް ބަދަލުގެނައުމަކީ ބައިނަލްއަގްވާމީ ގާނޫނުގައި މަނާކަމެކެވެ.
ނަމަވެސް 1967 ގެ ހަނގުރާމައިގާ ގަދަބާރުން އިސްރާއީލު ހިފައިގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިސްރާއީލުން މިހާތަނަށް ވަނީ 8 ލައްކައަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކުރުވާފަ އެވެ. މިގޮތަށް ޔަހޫދީން ވަޒަންވެރި ކުރުވަނީ އެ ބިންތައް ދާއިމީ ގޮތަކަށް އަތް ދަށުލައި މުސްތަގްބަލުގައި ފަލަސްތީނުގެ ދައުލަތެއް އުފައްދާނެ ބިންކޮޅެއް ނޯންނާނެ ގޮތް ހެދުމުގެ ރޭވުމުގެ ދަށުންނެވެ. އަދި އިސްރާއީލުން މިގޮތަށް ވަޒަންވެރިކުރުވާ ޔަހޫދީންނަކީ ވެސް ޓެރަރިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ބައެކެވެ.
މިފަދަ ޔަހޫދީ ވަޒަންވެރިން ގެންދަނީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ކަމަށްވިޔަސް އެ މީހުންގެ މައްސަލަ ބަލައި އެ މީހުންނާ ދެކޮޅަށް އިސްރާއީލުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާކަމުގެ ޝަކުވާ ފަލަސްތީނުން ކުރަމުން ގެންދެ އެވެ. (ރޮއިޓާސް)