31 Jul 2015, 15:01
ލީބިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން އެ ގައުމުގައި ދިރިއުޅޭ އިންޑިއާގެ ހަތަރު ޓީޗަރަކު ރަހީނުކޮށްފައިވާ ކަމަށް، ލީބިއާގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ޔުނިވާސިޓީ އޮފް ސިރަތުގައި މަސައްކަތް ކުރަމުން އަންނަ އެ ހަތަރު ޓީޗަރުން ވަގަށް ނަގާފައި ވަނީ، ސިރަތު ސިޓީގަ އެވެ.
އިންޑިއާގެ ހަތަރު ޓީޗަރުންގެ މައުލޫމާތު ހޯދުމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒުން ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހަންސް އިންޑިއާ އިން ބުނެފައިވެ އެވެ. އަދި ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ، އެ ހަތަރު ޓީޗަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވެނީ އައިއެސްއައިއެސް ޖަމާއަތުގެ ހަނގުރާމަވެރީން ކަމަށެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، ކަރްނާޓަކާ އާއި އަންދުރަ ޕްރަދޭޝްއަށް ނިސްބަތްވާ އެ ހަތަރު ޓީޗަރުން ވަގަށް ނަގާފައި ވަނީ، މިދިޔަ ބުދަ ދުވަހު، ޓްރިޕޯލީ އަދި ތޫނިސް މަގުން އިންޑިއާއަށް އެނބުރި އައުމަށް އެއާޕޯޓަށް ދިޔަ މަގުމަތީގައި ކަމަށެވެ.
"އެ މީހުން އަތުލައިގަތީ، ޓްރިޕޮލީ އަދި ތޫނިސް މަގުން އެނބުރި އިންޑިއާއަށް އައި މަގުމަތީގައި، ސިރަތާ ގާތްގަނޑަކަށް 50 ކިލޯ މީޓަރު ދުރުގައި އޮންން ޗެކްޕޮއިންޓަކުން،" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި އެވެ.
ލީބިއާގައި އިންޑިއާގެ ހަތަރު ޓީޗަރަކު ވަގަށް ނަގާފައިވާއިރު، 2014 ވަނަ އަހަރު އިރާގުގެ މޫސަލްގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ 39 މީހަކު ވެސް ވަނީ ވަގަށް ނަގައިފަ އެވެ. އެ މީހުންގެ ހަބަރެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، އެ 39 މީހުން ވަގަށް ނެގި ކަމުގެ ޒިންމާ ނަގާފައި ވަނީ އިސްލާމިކް ސްޓޭޓްސްގެ ހަނގުރާމަވެރީން ކަމަށްވެ އެވެ.
މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައި މަސައްކަތު މީހުންގެ ގޮތުގައި އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ހަރަކާތްތެރިވަމުން ދާއިރު، މިދިޔަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ލީބިޔާގައި އުޅޭ އިންޑިއާ ރައްޔިތުން އެގައުމުން ފޭބުމަށް އިލްތިމާސްކޮށްފަ އެވެ.