ކުއާލަލަންޕޫރު (ޖުލައި 31) :އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމެއްކަމަށްވާ ރިޔުނިޔަންގެ ކަނޑުގެ އައްސޭރިފަށުން ފެނުނު މަތިންދާބޯޓެއްގެ ބަޔަކީ މިދިޔަ އަހަރު ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިޔާ އެއަރލައިިންގެ އެމްއެޗް 370 ފްލައިޓްގެ ބައެއް ކަމަށް ޔަގީންކުރެވޭ ކަމަށް މެލޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު އަބްދުލްއަޒީޒް ކީރާވީ ވިދާޅުވެއްޖެ އެވެ.

ކީރާވީ ވިދާޅުވީ ރިޔުނިޔަންގެ ކަނޑުގެ އައްސޭރިފަށުން ފެނުނު ބަޔަކީ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެއްގެ ފަހަތު ފިޔަގަނޑުގެ ބައެއްކަން ކަށަވަރުވެފައި އެއެތި ކަނޑުގައި އޮންނަތާ އަހަރެއްހާ ދުވަސްވެފައިވާކަން ތަހްގީގްތަކުން މިހާތަނަށް އެނގިފައިވުމުން އެއީ އެމްއެޗް 370 ފްލައިޓްގެ ބައެއް ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމުގަ އެވެ.

ރިޔުނިޔަންގެ ކަނޑުގެ އައްސޭރިފަށުން ފެނުނު މަތިންދާބޯޓެއްގެ ބައަކީ ގެއްލިފައިވާ މެލޭޝިޔާ އެއަލައިިންގެ އެމްއެޗް 370 ފްލައިޓްގެ ބައެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ތަހްގީގްތަކާއި ތަހްލީލްތައް ކުރުމަށްޓަކައި މެލޭޝިޔާ އިން މިހާރު ވަނީ އެގައުމަށް ތަޖްރިބާކާރުންގެ ޓީމެއް ފޮނުވާފަ އެވެ. މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ވިދާޅުވީ ރިޔުނިޔަންގެ ކަނޑުގެ އައްސޭރިފަށުން ފެނުނު ބަޔަކީ އެމްއެޗް 370 ފްލައިޓްގެ ބައެއްތޯ ކަށަވަރުކުރުމުގެ ތަހްގީގްތަކާއި ތަހްލީލްތައް މެލޭޝިޔާގެ ޓީމުން ވަރަށް ރަނގަނޅަށް ކުރާނެ އެވެ.

ރިޔުނިޔަންގެ ކަނޑުގެ އައްސޭރިފަށުން ފެނުނީ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެއްގެ ފަހަތު ފިޔަގަނޑުގެ ބައެއްކަން މިހާރު ކަށަވަރު ވެފައިވާކަމަށް ޚަބަރުތައް ބުނެ އެެވެ. މިދިޔަ އަހަރުގެ މާޗް މަހު ގެއްލިފައިވާ އެމްއެޗް 370 ފްލައިޓަކީ ވެސް ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެކެވެ. އެފްލައިޓް ގެއްލިފައި ވަނީ 239 މީހުންނާ އެކު ކުއާލަލަންޕޫރުން ބެއިޖިންގް އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެފްލައިޓް ހޯދުމަށް މިހާތަނަށް އަތްފުނާއަޅާފައި ވަނީ ސައުތް ޗައިނާ ކަނޑާއި އިންޑިޔާ ކަނޑުގެ އިރުމައްޗާއި އިރުދެކުނުގެ ހިސާބުތަކުގަ އެވެ. ރިޔުނިޔަންއަކީ އިންޑިޔާ ކަނޑުގެ ހުޅަނގު ދެކުނުގެ ގައުމެކެވެ. ރިޔުނިޔަންއަކީ އެފްރިކާއަށް ނިސްބަތްވާ ޖަޒީރާ ގައުމެކެވެ. އަދި މިއީ ފަރަންސޭސިވިލާތުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ މިނިވަންކަން ނުލިބޭ ގައުމެކެވެ. (ރޮއިޓާސް)