ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާ ބެހޭގޮތުން ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް )އައިއެމްއެފް(ގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވައިފި އެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް )އައިއެމްއެފް(ގެ ސްޓޭންޑް ބައި އެރޭންޖްމަންޓް އަދި އެގްޒޯޖެނަސް ޝޮކްސް ފެސިލިޓީގެ ދަށުން ރާއްޖޭގައި ހިންގަވާ ޕްރޮގްރާމްގެ ދެވަނަ ރިވިއުގެ މަޝްވަރާތައް ކުރިއަށް ގެންދެވުމަށްޓަކައި މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އައިއެމްއެފްގެ ވަފުދާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުމަށް އައިއެމްއެފްގެ ލަފައާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތައް ހިންގަން ފަށައި ދުވަސްކޮޅު އިތުރު ހަރަދުތައް ހިނގާ ނަމަވެސް، ދުރު ރާސްތާގައި، އެކަމުގެ ސަބަބުން ސަރުކާރުގެ ޚަރަދުތައް ކުޑަވެ، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

އަދި ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު، ވަފުދުގެ ބޭފުޅުންނާ ރައީސް ހިއްސާ ކުރެއްވި އެވެ.

އެގޮތުން، ޓުއަރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް ނަގަން މިއަހަރު ފެށި، ކުރިން އަންދާޒާ ކުރެއްވިފައިވާ ވަރަށްވުރެ މާ ބޮޑުތަނުން އިތުރު އާމްދަނީއެއް ޓެކްސް ނަގަންފެށި ފުރަތަމަ މަހުވެސް ލިބިފައިވާކަމީ ސަރުކާރަށް ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ޓުއަރިޒަމްގެ ވިޔަފާރިން ރާއްޖެއަށް ލިބޭ އާމްދަނީއަކީ، އަހަރަކު ގާތްގަޑަކަށް 700 މިލިއަން ޑޮލަރު ކަމަށް ބެލެވިފައި އޮތް ކަމުގައިވިޔަސް، މި ޓެކްސް ނަގަން ފެށުމުން، ޓުއަރިޒަމްގެ ވިޔަފާރިން އަހަރަކު މަދުވެގެން ދެ ބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނެކަން ހާމަވެގެން ގޮސްފައިވާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި، އައި.އެމް.އެފް.ގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ވަޑައިގެންނެވި، ރޮޑްރިގޯ ކުބޭރޯ ދެއްކެވި ވާހަކަފުޅުގައި، އައިއެމްއެފްއިން ރާއްޖެއާ އެކު މަސައްކަތް ކުރަމުންގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރނަރ ޢާއިޝަތު ޒާހިރާ ބައިވެރިވެވަޑައިގެންނެވިއެެވެ.