ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރާއްޖޭގެ 11 ވަނަ ޓީ20 ބްލާސްޓް ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗު، ބަންގުލަދޭޝް ހައިކޮމިޝަންގެ ޓީމާ ވާދަކޮށް 36 ލަނޑުގެ ތަފާތަކުން މިލާން ކްރިކެޓް އެކަޑަމީން ކާމިޔާބުކޮށްފި އެވެ.

"އެސްޓީއޯ ޓީ ޓުވެންޓީ ބްލާސްޓް 2015"ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ޓޮސްދިމާވުމުން މިލާން ކުޅެންއަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 19.4 އޯވަރުގެތެރޭގައި 116 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 26 ބޯޅައިން 21 ލަނޑުހެދި އަޒިޔާން އާއި 18 ބޯޅައިން 16 ލަނޑުހެދި ސަދުހާންއެވެ. ބަންގުލަދޭޝް ހައިކޮމިޝަންގެ ޓީމުން ރޮކީއާއި ސަޕޯން ކޮންމެ އުކުންތެރިއެެއް ދެވިކެޓު ނެގިއެވެ.

ޖަވާބުގައި ބަންގުލަދޭސް ހައިކޮމިޝަން ކުޅެންއަރައި 16.5 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 80 ލަނޑުއެވެ. އެޓީމުން އެންެމެ ރަގަޅަށް ކުޅުނީ 12 ލަނޑުހެދި ހުސޭންއެވެ. މިލާން އެކަަޑެމީގެ އަލީ ސުނާން 4 އޯވަރު 24 ލަނޑަށް 4 ވިކެޓު، ތުސާރުއާއި އަޒިޔާން ކޮންމެ އުކުންތެރިއެއް ދެވިކެޓު ނެގިއެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުރިއަށްގެންދާ މި މުބާރާތުގެ ކުޅުން މިއަދު ވެސް ކުރިއަށް ދާނެއެވެ. މިއަދު ހެނދުނު 7:30 ފެށިގެން ކުރިއަށްދާ މެޗްގައި ބައްދަލުކުރާނީ ހިރިޔާއާއި އާރްއޯއައިސީގެ އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އިންޑިޔަން ބުލޫސްއާއި ސްރީލަންކާ ހައިކޮމިޝަންގެ ޓީމެެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 2:00ގައެވެ.

ޖުލައި 30 އިން އޯގަސްޓް 22 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާއިރު، އިތުރަށް ހިމެނޭ ޓީމުތަކަކީ، ސީބީއެލް ސްޕޯޓްސް ކްލަބާއި މާލެ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ސެމީފައިނަލް ކުޅޭން ހަމަޖެހިފައިވަނީ އޯގަސްޓް 22ގައެވެ. އަދި ފައިނަލް މެޗް ކުޅޭނީ އޯގަސްޓް 22 ވަނަ ދުވަހު މެންދުރު ފަހު 2:00ގައެވެ.