މުއްލާ މުހައްމަދު އުމަރު މީގެ ދޭއް ނުވަތަ ތިން އަހަރު ކުރިން މަރުވުމުން ތާލިބާނުންގެ ލީޑަރަކަށް އޭނާގެ ޑެޕިއުޓީ ލީޑަރު މުއްލާ އަޙްތަރު މަންސޫރު އައްޔަން ކުރާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

ތާލިބާނުންނާ ގާތް ގުޅުމެއް އޮއްނަ ފަރާތަކުން ބީބީސީގައި ބުނެފައި ވަނީ މުއްލާ އުމަރުގެ މަގާމަށް މުއްލާ އަޙްތަރް މަންސޫރު އައްޔަން ކުރުމާމެދު ލީޑަރޝިޕްގައި މަޝްވަރާކުރަމުން ދާ ކަމަށެވެ.

އެކަމާ ބެހޭގޮތުން ތާލިބާނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަފްޣާނިސްތާން ސަރުކާރު އަޅުވެތިކޮށްގެން އުޅޭ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކާ ހަނގުރާމަ ކުރަމުންދާ އެ ގައުމުގެ ހަމަ އެކަނި ޖަމާއަތް ކަމަށްވާ ތާލިބާނުންގެ ވެރިޔާ މަރުވެފައިވާ ކަން އަފްޣާން ސަރުކާރުން މީގެ ދެދުވަސް ކުރިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ތާލިބާނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުއްލާ އުމަރު މަރުވެފައި ވަނީ ވަރަށް ދުވަހު ބަލިވެ އުޅުމަށް ފަހު ކަމަށެވެ. ނަމަވެސް އޭނާ މަރުވެފައި ވަނީ ކޮންތާކު ކިހިނެއް އަދި ކޮން އިރަކު ކަމެއްވެސް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

އަފްޣާނިސްތާނުގެ ބައެއް ފަރާތްތަކުން ހާމަކުރާގޮތުން މުއްލާ އުމަރު މަރުވެފައި ވަނީ ޕާކިސްތާނުގެ ކަރާޗީގައި މީގެ ދެއަހަރު ކުރިންނެވެ. ނަމަވެސް ޕާކިސްތާނުގައި މުއްލާ އުމަރު އުޅުނު ކަމަށް ބުނާ ވާހަކައަށް އެގައުމުން އަބަދުވެސް ދަނީ ދެކޮޅު ހަދަމުންނެވެ.

އަފްޣާނިސްތާންގައި އޮތް ތާލިބާނުންގެ ވެރިކަން އެމެރިކާ އާއި އެ ގައުމާ ބައިވެރިވާ ގައުމުތައް ގުޅިގެން 2001 ވަނަ އަހަރު ވައްޓާލުމުން މުއްލާ އުމަރާއި ތާލިބާނުންގެ އިސް ވެރިން ވަޑައިގަތީ އަފްޣާނިސްތާންގެ ކުއެއްތާ އަށެވެ. އަދި އެ ރަށުގައި ތާލިބާނުންގެ ސޫރާ ކައުންސިލެއް އުފައްދާފައިވެ އެވެ.