30 Jul 2015, 18:08
ފީފާގެ އިންތިހާބުގައި ޔޫއެފްއާގެ ރައީސް ޕްލެޓްނީއާ ވާދަ ކުރައްވާނެ ކަމަށް ފީފާގެ ނައިބު ރައީސް ކަން ވެސް ކުރައްވާފައިވާ ދެކުނު ކޮރެއާގެ ފުޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ރައީސް ޗަންގ މޮންގް ޖޫން ވިދާޅުވެއްޖެ އެވެ.
ބީބީސީ ވޯލްޑް ފުޓްބޯލް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖޫން ވިދާޅުވީ އޭނާ ފީފާގެ ރައީސް ކަމަށް ވާދަ ކުރައްވަނީ މަތީ ފަންތީގެ ފެންވަރުގައި އިމާރާތްކޮށްފައިވާ އޮފީހުގައި ހުންނެވުމުގެ އުފާ ހާސިލް ކުރެއްވުމަށް ނޫން ކަމަށާއި ބޭނުން ވަނީ މިހާރުގެ ރައީސް ސެފް ބްލެޓާ ބަދަލުކޮށް ފީފާއަށް ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.
ފީފާގެ އިންތިހާބުގައި ޔޫއެފްއާގެ ރައީސް މިޝޭލް ޕްލެޓްނީ ވާދަ ކުރައްވަން ނިންމަވާފައިވާއިރު އެކަމާ ބެހޭ ގޮތުން ފީފާގެ ނައިބު ރައީސް ކަން ވެސް ކޮށްފައިވާ ޖޫން ވިދާޅުވީ ފީފާއަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް ޕްލެޓްނީއަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެއީ ޕްލެޓްނީއަކީ މިހާރުގެ ފީފާގެ ހިންގުމުގެ އޮނިގަނޑުގެ ބައިވެރިޔަކަށް ވުމުން ކަމަށެވެ.
"ޕްލެޓިނީއަކީ މިހާރު މި އޮތް ފީފާގެ އޮނިގަނޑުގެ ތެރެއިން އުފެދުނު މީހެއް، ފީފާއަށް ރަނގަޅު ބަދަލުތަކެއް ގެނައުމަކީ އޭނާއަށް ފަސޭހަ ވާނެ ކަމެއް ނޫން،" ޖޫން ވިދާޅުވި އެވެ.
ފީފާގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ އަހަރު ފެބްރުއަރީ މަހު 26 ވަނަ ދުވަހު އެވެ.