30 Jul 2015, 17:13
މިނިވަން 50 ގެ ރަސްމީ ޖާފަތް ތައްޔާރުކުރުމަށް ބަޔަކާއި ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގާފައިވޭތޯ އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވި ރަސްމީ ޖާފަތް ބަޔަކާއި ހަވާލުކޮށްފައި ވަނީ ބިޑް ކުރުމެއް ނެތި ކަަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ އެ ކޮމިޝަނުން މިނިވަން 50 އޮފީހަށްގޮސް އެތަނުގެ ލިޔުންތައް ބެލިއިރު ވެސް ޖާފަތާ ގުޅޭ ކަންކަން ފާހަގަކުރެއްވުނު ކަމަށެވެ. އެހެންނަމަވެސް އޭރު ކޮރަޕްޝަނުގެ މައްސަލައަކަށް ތުހުމަތު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރު ކޮރަޕްޝަންގެ އަމަލެއް ކަމަށް އޭރު ތުހުމަތެއް ނުކުރެވޭ. އޭރު ވަރަށް ބޮޑު އަގު ކަމަށް ފާހަގަކުރެވުނީ. އެހެންނަމަވެސް އެއަގަކަށް ވެސް ނޫން ހަވާލުކުރެވިފައި އޮތީ." ލުތުފީ ވިދާޅުވިއެވެ.
ލުތުފީ ވިދާޅުވީ އެންމެ ފުރަތަމަ ޖާފަތް ހަވާލުކުރަން އޮތީ ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ އަށް ކަމަށެވެ.
މިނިވަން 50އާ ގުޅޭ ވަރަށް ގިނަ ކަންކަން ބަލަމުންދާ ކަމަށާއި ނަމަވެސް އޭގެ ތަފްސީލު ހާމަކުރެވޭނީ ތަހުގީގު ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.