މަސްތުވާތަކެއްޗާއި ދެކޮޅަށް މިދިޔަ މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އޭގެ ތެރެއިން ހަތަރު މީހަކު މިހާތަނަށް ޑީޕޯޓް ކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު މަސްތުވާތަކެއްޗާ ދެކޮޅަށް ވެރިރަށް މާލޭގައި ފުލުހުން ހިންގި 46 އޮޕަރޭޝަނަކާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު މިއަދު ވިދާޅުވީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ބޭނުން ކުރުމުގެ އިތުރުން އަތޮޅުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި 108 ދިވެއްސަކާއި 28 ބިދޭސީއަކު ހައްޔަރުކޮށް އޭގެ ތެރެއިން ހަތަރު މީހަކު މިހާރު ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ. ޖިނާހު ވިދާޅުވީ ހައްޔަރު ކުރި ބިދޭސީންގެ ތެރޭގައި ގިނައީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހުންގެ ތެރެއިން ބަންގްލަދޭޝް މީހުން ކަމަށެވެ.

މިދިޔަ މަހު ފުލުހުންނަށް މަސްތުވާތަކެތީގެ 104 މައްސަލައެއް ހުށަހެޅިފައިވާ އިރު އޭގެ ތެރެއިން 40 މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދަޢުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.

ޖިނާހު ވިދާޅުވީ މިދިޔަ މަހު ފުލުހުން މާލެ އިން ހިފެހެއްޓި މަސްތުވާތަކެތީގެ މަގުމަތީ އަގު ތިން ލައްކަ ރުފިޔާ އަށް އަރާނެ ކަމަށެވެ. އަދި ފަހަކަށް އައިސް ފުލުހުން މާލެ ތެރެއިން އަތުލައިގަންނަ މަސްތުވާތަކެތީގެ ތެރޭގައި ގިނައިން ހިމެނެނީ މަސްތުވާތަކެތީގެ ދިޔާ އެއްޗެހި ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. އެގޮތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހޭޝް އޮއިލް ފަހަކަށް އައިސް އަތުލެވޭ މިންވަރު އިތުރުވެފައިވާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. އަދި މަސްތުވާތަކެތީގެ ހިކި އެއްޗިއްސަށް ވުރެ މިހާރު ޑިމާންޑް ބޮޑީ ދިޔާ އެއްޗިއްސަށް ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.

ޖިނާހު ވިދާޅުވީ މިދިޔަ މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަނގުރާ ވެސް އަތުލައިގަނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ޖިނާހު ނުދެއްވަ އެވެ. ޖިނާޙު ވިދާޅުވީ މިފަހަރުގެ އެކްޝަން ޕްލޭންގައި ބަނގުރަލުގެ ބިރުވެރިކަން އުފެދިފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް ވަކި ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ރާވަފައިވާ ކަމަށެވެ. އަދި ބަނގުރަލުގެ ގަވާއިދަށް ވެސް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެކަންތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. ބަނގުރާ އޭގެ ޒާތުގައި އާންމުވެފައި މިވަނީ ބަނގުރަލަށް އަމާޒު ކުރިވެގެން ރަނގަޅު ގަވާއިދުތަކެއް އަދި ހެދިފައިނުވާތީ ކަމަށް ޖިނާހު ވިދާޅުވި އެވެ.

"މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ބަނގުރަލަށް އަމާޒުކޮށްގެން ރަނގަޅު ގަވާއިދުތަކެއް އަދި ހެދިފައެއް ނެތް. ބަނގުރަލަށް ފިޔަވަޅު މިއެޅެނީ ވަރަށް ބޮޑަށް އިސްލާމީ ޝަރީޢަތުގެ ބިނާވެފައި ހުރި ބައެއް އުސޫލަތަކުގެ މައްޗަށް ބިނާކޮށް. އެގޮތުގެ މަތިން އެކަން ކުރެވޭނެ ފަސޭހަ ގޮތްތަކެއް އަޅުގަނޑުމެން މިހާރު މިދަނީ ހޯދޭތޯ." ޖިނާޙު ވިދާޅުވި އެވެ.

ޖިނާހު ވިދާޅުވީ ކުރިން ރާއްޖެ އަށް ކިލޯ ކިލޯއިން މަސްތުވާތަކެތި އެތެރި ކުރި ނަމަވެސް ބޯޑާ ކޮންޓްރޯލް ސިސްޓަމް އިތުރަށް ވަރުގަދަ ކުރުމާ ގުޅިގެން މިހާރު ގިނަ ފަހަރަށް އެފަދަ ތަކެތި ރާއްޖެ އެތެރެ ކުރެވެނީ ދެ ގްރާމުން ތިން ގްރާމުން ކަމަށެވެ. އަދި މިހާރު މަސްތުވާތަކެއްޗަށް އަލަށް ވަންނަ ކުދިންގެ އަދަދު ވަރަށް ބޮޑު ތަން މަދުވެފައިވާ ކަން ވެސް ޖިނާހު ފާހަގަ ކުރެއްވެވި އެވެ.

"އަޅުގަނޑުމެންނަށް އެބަހުރި ވަރަށް ސާފު މަޢުލޫމާތު ލިބިފައި ސަތޭކަ ގްރާމް ވެސް އެބަ އެތެރެ ކުރޭ ފަންސާސް ގްރާމް ވެސް އެބަ އެތެރެ ކުރޭ. އެހެންވީމާ އެހެން ގެންނަ ފަންސާސް ގްރާމްގެ އެތިކޮޅު ވިހި ގްރާމް އެތިކޮޅު އެމިންވަރުގެ އެތިކޮޅު ކޮޅު މިހާރު މި އެތެރެ ކުރަމުންމިގެންދަނީ. ތަންކޮޅެއް ކުރިން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ކޮންސިސްޓެންޓްކޮށް އެތެރެ ކުރާ ހުރިހާ ފަރާތްތަކުން ވެސް ކިލޯތަކުން ދެކިލޯ، ތިން ކިލޯ، ފަސްކިލޯ އަށް ކިލޯ ވެސް އެބަހުރި އެތެރެ ކޮށްފައި. އެހެންނަމަވެސް އެ ސިޓިއުއޭޝަން (ހާލަތު) މިވަނީ ބަދަލުވެފައި." ޖިނާހު ވިދާޅުވި އެވެ.