ކޮލަންބޯ (ޖުލައި 30): އަންނަ އޮގަސްޓު މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ އާންމު އިންތިޚާބުގައި ވާދަކުރައްވަނީ އެގައުމުގައި ދާޚިލީ ދެވަނަ ހަނގުރާމައެއް އުފެދުމުގެ ފުރުސަތު ނުދިނުމަށްޓަކައިކަމަށް އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ރާޖަޕަކްސާގެ މެނިފެސްޓޯ ލޯންޗްކޮށްދެއްވުމަށް މިދިޔަ އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ސްރީލަންކާގެ އުތުރުގައި ދިރިއުޅޭ ތަމަޅައިންގެ ލޯކަލް ކައުންސިލްތަކަށް މިހާރު ދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިކުރައްވާނެ ކަމުގައެވެ.

ރާޖަޕަކްސަ ވިދާޅުވިގޮތުގައި އުތުރުގެ ސަރަހައްދުތަކުގައި ޖިނާއީ ކުށްތައް އިތުރުވެ ހާލަތުދަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. މިކަމުގައި މައި ސަރުކާރަށް ފިޔަވަޅުނޭޅެނީ ތަމަޅައިންގެ ލޯކަލް ކައުންސިލްތަކަށް ގާނޫނީގޮތުން މިހާރު ދީފައިވާ ބާރުތައް ބޮޑުކަމުން ކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ. މިގޮތަށްކަންކަން ދާނަމަ ސްރީލަންކާގެ ތަމަޅަދަރިކޮޅަށް ނިސްބަތްވާ ބައެއް ހަރުކަށި ފަރާތްތަކުގެ ސަބަބުން ޝްރީލަންކާ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ދިއުމުގެ ފުރްސަތު ބޮޑުކަމަށާ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ އެކަން އެހެންވިޔަ ނުދެއްވާނެކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ރާޖަޕަކްސަ ތަމަޅައިންނާ ދެކޮޅަށް މިމޭރުމުން ވާހަކަ ދެއްކެވީ ސްރީލަންކާގައި އަޣުލަބިއްޔަތު އޮންނަ ސިންހަޅައިންގެ ތާއީދު ހޯއްދުމުގެ ގޮތުންނެވެ. ތަމަޅައިންނާމެދު ހަރުކަށިވުމަކީ ސިންގަޅައިންގެ ގިނަބައެއްގެ ސްޕޯޓް ލިބޭނެ ކަމެއްކަމަށް ބެލެވިފައިވެއެވެ.

ރާޖަޕަކްސައަށް ބޮޑަށް ތާއީދުކުރަނީ ސިންހަޅައިންގެ މެދުފަންތީގެ މީހުންނާއި ފަގީރުންނެވެ. މުސްލިމުންނާއި ތަމަޅައިން ރާޖަޕަކްސައަށް ތާއީދެއް ނުކުރެއެވެ. ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) މެނިފެސްޓޯގައިވާގޮތުން ސްރީލަންކާގެ މުވައްޒަފުންނަށް ދޭ އެންމެ ކުޑަމުސާރަ ދެގުނައަށް ބޮޑުކޮށް ދިނުމަށާއި ފަގީރުންނަށް ޓެކްސް ފްރީކޮށް ބައެއްތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމާ އަދި ދަނޑުވެރިންގެ ތެރެއިން ފަގީރުންނަށް ސަބްސިޑީގެ ގޮތުގައި ފައިސާއާއި އެނޫންވެސް ބައެއް އިނާޔަތްތައް ދިނުން ހިމެނެއެވެ. މިއީވެސް ސްރީލަންކާގައި އަޣުލަބިއްޔަތު އޮންނަ ސިންހަޅައިންގެ ތާއީދު ހޯއްދުމުގެ ގޮތުން މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއްކަމަށްވަނީ ބެލެވިފައެވެ. (ރޮއިޓާސް)