މިނިވަން 50 އާ ގުޅިގެން މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ރަސްމީ ފާލަމަށް "އިއްޒުއްދީނު ފާލަން" ގެ ނަމުން ނަން ދީފި އެވެ.

ރަސްމީ ފާލަމަށް އިއްޒުއްދީނުގެ ނަމުން ނަން ދިނުމަށް ސަރުކާރުން ނިންމާފައި ވަނީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ސުލްޠާން ޙަސަން ޢިއްޒުއްދީން ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ނެވެ.

ސުލްތާން ހަސަން އިއްޒުއްދީނަށް ނިސްބަތްކޮށް ރާއްޖޭގައި އަންނަނީ ޚާއްސަ ދުވަހެއް ވެސް ފާހަގަ ކުރަމުން ނެވެ. "ހުރަވީ ދުވަސް" ނިސްބަތްވާ ފަރާތަކީ ސުލްޠާން ޙަސަން ޢިއްޒުއްދީނެވެ. މަލާބާރީން ރާއްޖޭގައި ވެރިކަންކުރާތާ ހަތަރު މަސްވީ ފަހުން އެ މީހުންގެ އަތުން ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކޮށްދިނީ 3 ޖުމާދުއްއާހިރާ 1166ގަ އެވެ.

ރަސްމީ ފާލަމަށް "އިއްޒުންދީނު ފާލަން" ގެ ނަމުން ނަން ދީފައިވާއިރު "އިއްޒުއްދީނު ހިނގުން" ނަން ދީފައިވާ މަގެއް ވެސް މާލޭގައި ހުރެ އެވެ. ހަމައެއާއެކު އެ މަގުގައި "އިއްޒުއްދީނު މިސްކިތް"ގެ ނަމުން ނަންދީފައިވާ މިސްކިތެއް ވެސް މާލޭގައި ހުރެ އެވެ.

މިނިވަން 50 އާ ގުޅިގެން މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ރަސްމީ ފާލަން މިރޭ 9:00 ގައި ހުޅުވާ ގޮތަށް ވަނީ ހަމަޖެހިފައި އެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމު މީގެކުރިން ވިދާޅުވެފައި ވަނީ އަލަށް އަޅާ ފާލަމަކީ ކުރިންހުރި ފާލަމަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް ދިވެހިވަންތަ ފާލަމަކަށް ވެގެންދާނެ ކަމަށެވެ.