ކަސަބު ބޯވަޅު ގެތުމާއި ރާއްޖޭގައި ގަތާފައިވާ ކަސަބު ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތުގައި ކަސަބު ބޭނުންކޮށްގެން އުފައްދާފައިވާ ކޮންމެ އެއްޗެއްވެސް ބައިވެރިކުރެވިދާނެ ކަަމަށް އިކޮނަމިކް މިނިސްޓްރީގެ ބިޒަނަސް ކޮންސަލްޓެންޓް އަހުމަދު މުމްތާޒް ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުމްތާޒު ވިދާޅުވީ މުބާރާތަށް ހެދުމާއި ޒީނަތްތެރިވާ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ސާމާނާއި އަދި ކަސަބު ބޭނުންކޮށްގެން އުފައްދާފައިވާ ކޮންމެ އެއްޗެއް ވެސް ހުށަހެޅިދާނެ ކަަމަށެވެ.

"ކްރިއޭޓިވް ޒުވާނުންނަށް ވަރަށް ބޮޑު ފުރުސަތެއް ހުޅުވިގެންދާނެ. ތަފާތު އެއްޗެހި ހަދާއިރު ކަސަބުގެ ބާވަތެއް އޭގެ ބޭނުންކޮށްގެން އެ އެއްޗެއް އުފެއްދުން،" މުމްތާޒު ވިދާޅުވިއެވެ.

މުމްތާޒު ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވެވޭނީ އަމިއްލަ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ބައިވެރިން ބޭނުންވާ އަދަދަކަށް ތަކެތި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މުމްތާޒު ވިދާޅުވިއެވެ.

އެ މުބާރާތުގައި ކުންފުނިތަކާއި ޖަމްއިއްޔާ ތަަކަށް ބައިވެރިނުވެވޭނެ ކަަމަށް ވެސް މުމްތާޒް ވިދާޅުވިއެވެ.

އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވާ ފޯމު ފުރުމަށް ފަހު އެ ފޯމާއި ޕާސްޕޯޓް ސައިޒް ދެ ފޮޓޯ އާއި އަސްލުކަން އަންގައިދޭ ތަތްގަނޑުޖަހާފައި އޮތް އައިޑީ ކާޑުގެ ކޮޕީ އަކާއި އުފައްދާފައިވާ އުފެއްދުމާއެކު ހުށަހަޅަންޖެހޭނެ ކަމަށް މުމްތާޒު ވިދާޅުވިއެވެ.

އެ މުބާރާތަށް ތަކެތި ހުށަހެޅުމުގެ އެއްމެ ފަހުގެ ތާރީޚަކީ 30 ސެޕްޓެމްބަރުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ.

މުބާރާތަސް މާކްސް ދިނުން

މަސައްކަތުގެ ފަށުވި ކަަމާއި ޑިޒައިންގެ ފުރިހަމަކަމާއި ޚިޔާލު މުއްސަނދިކަން 30 މާކްސް

މީހާގެ ހުނަރު ބޭނުންކޮށްގެން އުފެއްދުން އުފައްދާފައިވާ މިންވަރު 20 މާކްސް

ތަރިކަ، އާދަކާދަ އަދި ސަގާފީ ސިފަ އުފެއްދުމުގައި އެކުލެވިގެންވާ މިންވަރު 20 މާކްސް

މި ޒަމާނުގެ ލައިފް ސްޓައިލް އާއި ބޭނުންތަކަށް އުފެެއްދުން ތައްޔާރުކޮށްފައިވާ މިންވަރު 30 މާކްސް

އުފެއްދުން ޕެކް ކުރުމާއި ގެންގުޅުމާއި ބޭނުން ކުުރުމުގައި ހުރި ފަސޭހަކަމާއި މާކެޓް ކުރުމަށް ވިސްނާފައި ހުރި މިންވަރު 20 މާކްސް

"މުބާރާތުގެ އެއްމެ ބޮޑު އެއް މަގުސަދަކީ ކަސަބު ކަހަލަ ނެތެމުންދާ މަސައްކަތްތެރިކަމެއް އިތުރަށް އާލާކުރުމާއި އަދި މުބާރާތުގައި އެ އުފައްދާ ތަކެއްޗަކީ މާކެޓަށް ނެރެ އޭގެ ނަފާ މީހުންނަށް ހޯދޭނެ ކަހަލަ އެއްޗެއްސަށް ހެދުން،" މުމްތާޒް ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓްރީގެ ކޮންސަލްޓެންޓް ސައީދާ އުމަރު ވަނީ އެ މުބާރާތާއި ބެހޭ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 3333196 ނަމްބަރު ނުވަތަ 7777870 ގުޅުއްވުމަށް އެދިވަޑައިގެންފައެވެ.

އެ މުބާރާތުގެ ގަވާއިދު އެ މިނިސްޓްރީގެ ވެބްސައިޓުން ނާއި ސަރުކާރުގެ ގެޒެޓުންނާއި އަދި ބިޒްނަސް ސެންޓަރު ތަކުންވެސް ލިބޭނެ ކަަމަށް ސައީދާ ވިދާޅުވިއެވެ.