10 Mar 2011, 14:00
ލާމަރުކަޒީ ގާނޫނުގައި ހުރި ބައެއް މާއްދާތަކަކީ ގާނޫނު އަސާސީއާ ތައާރަޒުވާ މާއްދާތަކެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމާއި ފާރޫގު މުހައްމަދު ހަސަން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް ފަހު ސަން އަށް މައުލޫމާތު ދެއްވަމުން މުހައްމަދު ނައީމު [މޮނާޒާ ނައީމު] މިއަދު ވިދާޅުވީ، ލާމަރުކަޒީ ގޮތުން ދާއިރާތައް ހިންގަން ޖެހޭނީ، ޔުނިޓަރީ ދައުލަތުގެ އަސާސްތަކާއި އުސޫލްތަކުގެ ތެރޭގައި ކަމަށް ގާނޫނު އަސާސީގެ އަށް ވަނަ ބާބާ ތައާރަޒުވާ ވަރަށް ގިނަ މާއްދާތައް ލާމަރުކަޒު ގާނޫނުގައި ހިމެނޭ ކަމަށެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލި ރައްޔިތުންގެ މެދުގައި ހަމަނުޖެހުން ހިނގާތީ އެކަން ވަގުތުން ނިންމައިދިނުމަށް ހުށަހެޅުއްވި މައްސަލައެއް ވީކަމަށް ވެސް ނައީމު ވިދާޅުވި އެވެ.
"ޔުނިޓަރީ ދައުލަތުގެ އަސާސްތަކާއި އުސޫލްތަކުގެ ތެރޭގައި ލާމަރުކޮށް ހިންގަން ގާނޫނު އަސާސީ އަށް ވަނަ ބާބު ބުނަނީ. ނަމަވެސް ލާމަރުކަޒު ގާނޫނުގައި މިދަންނަވާ މައިގަނޑު މަފްހޫމާ ތައާރަޒުވާ ވަރަށް ގިނަ މާއްދާތަކެއް އެބަހުރި. އޭގެ ތެރޭގައި ކައުންސިލްތަކުން އަމިއްލައަށް މުދާ މިލްކު ކުރުން. ކައުންސިލްތަކަކީ އަމިއްލައަށް ދައުވާކުރުމުގެ ސިއްކަ އޮތް ތަނަކަށްވާކަން. ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ ބޭފުޅުންނަކީ، އެހެންބައެއްނެތި ހަމައެކަނި ސިވިލް ސާވިސް ކޮމިޝަނަށް އެކަނި ޖަވާބުދާރީވާން ޖެހޭ ބަޔަކަށް އޮތުން." ހިމެނޭކަމަށް ނައީމު ވިދާޅުވި އެވެ.
ނައީމު ވިދާޅުވީ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީގައި ހުންނަވާ ވަޒީރަކީ، ކޮންމެހެން އެ އޮތޯރިޓީ ހިންގަން ހަވާލުކުރާ ވަޒީރުކަމަށް ގާނޫނުގައި ބުނެފައިނެތުމުގެ ސަބަބުން އެ އޮތޯރިޓީއަކީ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ރައްޔިތުންނަށް ވިޔަސް، އަދި އާއްމު މީހަކަށް ވެސް ޒިންމާދާރުވާން ޖެހޭ އޮތޯރިޓީއެއް ނޫން ކަމަށެވެ.
"މި ދެންނެވި ފަންޑަމެންޓަލް އުސޫލުތަކާ ހިލާފަށް އެ ގާނޫނު އޮތުމުގެ ސަބަބުން ރާއްޖޭގެ ސުޕްރަމަސީ އޮތް ހަމައެކަނި ފަރާތަކީ [ކޯޓްތައް]. އަދުލު އިންސާފު ގާއިމު ކުރުމާއި ރައްޔިތުންގެ ދުޅަހެޔޮކަމާއި ސަލާމަތާއި މަސްލަހަތު ހިފެހެއްޓުމުގެ އެންމެ މުހިއްމު އިދާރާއަކީ އެބޭފުޅުން [ސުޕްރީމް ކޯޓް]،" ނައީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒު ގާނޫނު މިހާރު އޮތް ގޮތުން، އަމިއްލައަށް ކަންކަން ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބި ކުދިކުދި ފެޑަރަލް ސަރުކާރުތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް ރައްޔިތުންނެއްގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް ވެސް، ގާނޫނު އަސާސީ އިސްލާހް ކުރުމުގެ މަސައްކަތް ކުރެއްވުމަށް ކަމަށް ވިދާޅުވެ އަމިއްލަފުޅު ޕާޓީ، މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އިން މިދިޔަ ހޯމަ ދުވަހު އިސްތިއުފާދެއްވި ނައީމު ވިދާޅުވި އެވެ.