30 Jul 2015, 13:49
އަވަހާރަވެފައިވާ އިންޑިއާގެ ކުރީގެ ރައީސް އޭޕީޖޭ ޢަބުދުލް ކަލާމަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް އިންޑިއާ ހައިކޮމިޝަނުން ހުޅުވާފައިވާ ހަނދާނީ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި ދައުލަތުގެ ވަޒީރުން ސޮއިކުރައްވައިފި އެވެ.
ދަފުތަރުގައި ސޮއިކުރެއްވުމަށް ރައީސް ޔާމީނާއި ނައިބު ރައީސް އަހުމަދު އަދީބާއި ދައުލަތުގެ ވަޒީރުން ވަޑައިގެންނެވި އިރު އެބޭފުޅުންގެ އިސްތިގުބާލުގައި ތިއްބެވީ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއާއި ޑެޕިއުޓީ ހައިކޮމިޝަނަރު ސަންޖޭ ރާނާ އެވެ.
ދަފުތަރުގައި ރައީސް ޔާމީނު ލިއުއްވާފައި ވަނީ ހަރުދަނާ ކަމާއި އިލްމީ ގޮތުން މުއްސަނދި، ކަލާމުގެ ހަޔާތްޕުޅުން ދެކުނު އޭޝިއާ ސަރަހައްދުގެ ޖީލުތަކައް ހިތްވަރު ލިބިގަންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނާއި އެމަނިކުފާނުގެ ފަރާތްޕުޅުން އިންޑިއާގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާ ކަމަށް ދަފުތަރުގައި ރައީސް ޔާމީނު ލިއުއްވި އެވެ.
އިންޑިއާގެ ކުރީގެ ރައީސް ޢަބުދުލް ކަލާމްއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ލިއުމަށް ހުޅުވާފައިވާ ފޮތުގައި ލިއުމަށް ހައިކޮމިޝަނުން ހުޅުވާލާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އަދި މިއަދުގެ 13.00 އާ ހަމަ އަށް އެ ފުރުސަތު އޮތީ ހުޅުވާލާފަ އެވެ.
ކަލާމް އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ.
އިންޑިއާގެ ޓެމިލްނާޑޫގެ ރާމޭސްވަރަމް ނަމަކަށް ކިޔާ ރަށެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަލާމް ކިޔަވައިވިދާޅުވީ ފިޒިކްސްއާއި އެރޯސްޕޭސް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ސައިންޓިސްޓެއް އަދި ސައިންސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިންޑިއާގެ ޑިފެންސް ރިސާޖް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަންގަ އެވެ. އޭނާ ކުރިއަށް ގެންދެވި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ މަދަނީ ޖައްވީ ޕްރޮގްރާމްތަކާއި މިސައިލާއި މިސައިލް އުދުއްސާ އާލާތްތަކުގެ މަޝްރޫއުތައް ހިމެނެ އެވެ. އެ މަސައްކަތްތަކުގެ ސަބުން "މިސައިލް މޭން"ގެ ނަމުގައި އޭނާ އިންޑިއާގައި މަޝްހޫރުވި އެވެ.
އިންޑިއާ އިން 1998 ވަނަ އަހަރު އުފެއްދި، ނިއުކްލިއަ ވޯހެޑް އުފުލޭ ޕޮޚްރާން 2 ނަމަކަށް ކިޔާ މިސައިލް އީޖާދުކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.
ކަލާމް އިންޑިއާގެ ރައީސް ކަމަށް 2002 ވަނަ އަހަރު އައްޔަން ކުރީ އޭރު އެގައުމުގެ ވެރިކަން ކުރަމުން ދިޔަ ބީޖޭޕީއާއި އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ވެސް ތާއީދާއި އެކުގަ އެވެ. ރައީސް ކަމުގެ ފަސް އަހަރުގެ ދައުރު ނިންމެވުމަށް ފަހު އޭނާ ކުރައްވަމުން ގެންދެވީ ފޮތް ލިއުއްވުމާއި ތަގުރީރު ކުރެއްވުން ފަދަ އިލްމީ މަސައްކަތް ތަކެވެ.