30 Jul 2015, 13:35
ޖޫން މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 2.2 ޕަސެންޓް ދަށްވެ ޖޫން މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.3 ޕަސެންޓް އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް، ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 609105 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 601513 ޓޫރިސްޓުން ރާއްޖެއަށް އަށް ޒިޔާރާތް ކުރިއިރު އެއީ 1.3 ޕަސެންޓް އިތުރު އަދަދެކެވެ.
މިއަހަރުގެ ޖޫން މަހު ރާއްޖެއަށް 81506 ޓޫރިސްޓުން ޒިޔާރަތްކުރިއިރު މިދިޔަ އަހަރު އެ މުއްދަތުގައި ވަނީ 83347 ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ. އެހެންކަމުން މިއީ 2.2 ޕަސެންޓް ދަށް އަދެދެކެވެ.
ޖޫން މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދަށްވެފައިވާ ސަބަބެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނީ، ޔޫރަޕުގެ ހަމަނުޖެހުންތަކާ ގުޅިގެން ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ދަށްވުމާއި ރޯދަމަހާ ދިމާވުމުގެ ސަބަބުން މެދުއިރުމަތިން އައި ޓޫރިސްޓުންގެ އަދަދު ދަށްވުން ކަމަށެވެ.
"ޔޫރަޕަށް ބަލާއިރު ރަޝިއާ އާއި ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން މިދެގައުމުން ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން ދަށްވަމުން ދާކަން ފާހަގަ ކުރެވޭ. އަދި މިއަހަރުގެ ޖޫން މަސް ރޯދަމަހާ ދިމާވުމުން މެދުއިރުމަތީގެ ހުރިހާ ގައުމަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ ޖޫންމަހު ވަރަށް ބޮޑަށް ދަށަށް ގޮސްފަައި،" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މިއަހަރު ޖޫން މަހު ރަނގަޅު ކުރިއެރުމެއް ލިބިފައިވާ އިޓަލީން އައި ޓޫރިސްޓުންގެ އަދަދު 12.5 ޕަސެންޓަށް އިތުރުވެފައިވާއިރު އިނގިރޭސި ވިލާތުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 9.4 ޕަސެންޓް އިތުރުވެފައެވެ. އަދި ޗައިނާއިން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 6.6 ޕަސެންޓް އިތުރުވެފައެވެ.
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިން 178114 ޒިޔާރަތްކުރިއިރު ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ޖަރުމަނުން 51861 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސިވިލާތުން 46741 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސް އާއި ސަފާރީ ތަކުގައި އެވްރެޖްކޮށް 27694 އެނދު އޮޕަރޭޓް ކުރިއިރު ޖުމުލަ ބެޑްނައިޓްސް އަކީ 3563847 ކަމަށާއި ޓޫރިސްޓުން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކޮށްފައިވަނީ 5.3 ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.