30 Jul 2015, 12:50
މުޅި ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއަށް އިންޓަނެޓް ސާވިސް ޕްރޮވައިޑާ (އައިއެސްޕީ) ލައިސަންސް ދީފި އެވެ.
ފިކްސްޑް ލައިން އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް އުރީދޫއާ ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. ލައިސަންސާ ހަވާލުވީ އުރީދޫގެ ސީއީއޯ ވިކަރަމް ސިންހަ އެވެ.
ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމުން)ގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ އޮތޯރިޓީ އިން ބުނީ އައިއެސްޕީ ލައިސަންސް ދޫކުރުމަށް އެ އޮތޯރިޓީން ހުޅުވާލި ފުރުސަތުގައި ދެ ފަރާތަކުން އެކަމަށް އެދި ހުށަހެޅި ކަމަށެވެ. އެގޮތުން އުރީދޫގެ އިތުރުން ދެން އައިއެސްޕީ އަށް އެދި ކުރިމަތިލާފައި ވަނީ މީޑިއާ ނެޓުން ކަމަށެވެ.
އުރީދޫއަށް އައިއެސްޕީ ލައިސަންސް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މިއަދު އިންޓަނެޓަކީ ދިވެހިންގެ ތެރޭގައި ވެސް އަސާސީ ބޭނުމަކަށް ވެފައިވާ އެއްޗެއް ކަމަށެވެ.
އުމަރު ވިދާޅުވީ، މިއަދުގެ ސަރުކާރުގެ މުއާސަލާތީ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދެވިގެން ދަނީ ހަލުވި އިންޓަނެޓް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
އައިއެސްޕީ ލައިސަންސް އުރީދޫ އަށް ދިނުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ވާހަކަފުޅުދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިގޮތުން ގައުމީ ބްރޯޑްބޭންޑުގެ ސިޔާސަތެއް އެކުލަވާލެވިފައި ވާނެ. އެއީ 2014 އިން 2018 އަށް ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ސިޔާސަތެއް. ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަގުތައް ތިރި ކުރުމަށްޓަކައި ވާދަވެރި ކަމަކީ އަބަދުވެސް ވަރަށް މުހިއްމު ކަމެއް. އެހެންވެގެން މިއަދު އަޅުގަނޑުމެން ތިންވަނަ ވާދަވެރިއަކު އިންޓަނެޓަށް މިގެންނަނީ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ، އައިއެސްޕީ ލައިސަންސް އުރީދޫއަށް ދިނުމުގައި އެ ކުންފުނީގެ ތަޖުރިބާއާއި އިންވެސްޓްމަންޓަށާއި މާލީ ގާބިލުކަމުގެ އިތުރުން ހިދުމަތް ފުޅާ ކުރުމަށް ރާވާފައިވާ ޕްލޭނުގެ ހަލުވިކަމަށް ބަލާފައި ވާނެ ކަމަށެވެ.
"ރައްޔިތުންނަށް މި ހިދުމަތް އަގުހެޔޮކޮށް އަދި ރަނގަޅު ފެންވަރުގައި ލިބެމުންދާނެ ކަމުގެ އުއްމީދު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އުރީދޫއަށް އިންޓަނެޓުގެ ހިދުމަތް ދިނުމުގައި މާބޮޑެތި ޝަރުތުތަކެއް ކޮށްފައި ނުވާނެ ކަމަށާއި އެހެންނަމަވެސް ސީދާ ގެތަކަށް ފައިބާ ފޯރުކޮށްދިނުމަށް "ކޮމިޓުމެންޓް" ވެފައި އޮންނާނެ ކަމަށް ވެސް ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކުރަމް ސިންހަ ވިދާޅުވީ، އުރީދޫގެ އަމާޒަކީ ދެތިން އަހަރެއްގެ ތެރޭގައި މުޅި ރާއްޖެއަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި މާލެއަށާއި ހުޅުމާލޭގެ އިތުރުން ރިސޯޓުތަކަށް އިންޓަނެޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.