ސްކޫލް ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ގއ. ގެމަނަފުށީ ސްކޫލްގެ އިނގިރޭސި ޓީޗަރު ފުރުވާލާފައި ވަނީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފުލުހުންނަށް އަންގާފައިވަނިކޮށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ވިލްސަން ތޯމަސް ބަންދުން ދޫކޮށްލަން ގއ. މާމެންދޫ ކޯޓުން އަމުރު ނެރުމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެ އޮފީހުން ނިންމިކަމަށެވެ. އެހެންވެ އޭނާގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ގއ. މާމެންދޫ މެޖިސްޓްރޭޓު ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރު ކުރުމުން. އަޅުގަނޑުމެން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމައި، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދަންނަވާފައި. އަދި މި އޮފީހުން އިސްތިއުނާފުގެ މަސައްކަތް ކުރަމުންދަނިކޮށް، މި އޮފީހަށް އެއްވެސް އެނގުމެއް ނެތި އޭނާ ފުރުވާލާފައިވާ ކަމަށް މީޑިއާ އިން ވަނީ މައުލޫމާތު ލިބިފައި،" އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ބެހޭގޮތުން ގެމަނަފުށީ ސްކޫލްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މާމެންދޫ ކޯޓުން ވިލްސަން ދޫކޮށްލުމުން އޭނާ ހުރީ ގއ. އަތޮޅުތައުލީމީ މަރުކަޒުގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ވިލްސަން އިންޑިއާ އަށް ފުރާފައި ވަނީ އޭނާ އެޑިއުކޭޝަން މިނިސްޓްރީއަށް ހާޒިރުކޮށްދިނުމަށް އެ މިނިސްޓްރީން އެ ސްކޫލަށް އަންގާފައި ވަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، ވިލްސަން ފުރުވާލާފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ކަމަށެވެ.

"އިއްޔެ އިންޑިއަން ހައިކޮމިޝަނުން ވަނީ ކޫއްޑޫ އިން މާލެ އަދި މާލެ އިން އިންޑިއާ އަށް ވިލްސަންއަށް ޓިކެޓު ނަގައި އީމެއިލް މެދުވެރިކޮށް ފޮނުވާފަ. އިއްޔެ 9:00ގެ ފްލައިޓުން ކޫއްޑޫ އިން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އޭނަ ދިޔައީ. އަދި މެންދުރު 2:00ގެ ފްލައިޓުން އިންޑިއާ އަށް ފުރީ. އޭނަ ފުރިފަހުން އަތޮޅު ތައުލީމީ މަރުކަޒަށް އެނގުނީ،" އޮފިޝަލް ވިދާޅުވި އެވެ.

ވިލްސަން ސްކޫލް ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ އެކަށީގެންވާ ހެކި ފުލުހުންނަށް ވަނީ ލިބިފައެވެ.

ފުލުހުން ހޯދާފައިވާ ހެކީގެ ތެރޭގައި ވީޑިއޯ ފްޓޭޖެއް ހިމެނޭއިރު، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ސްކޫލް ކުދިން ވަނީ ކަން ހިނގައިދިޔަ ގޮތް ކިޔައިދީ ފުލުހުންގެ ތަހުގީގަށް ބަޔާންދީފަ އެވެ.