އިންޑިއާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ އެންމެ ފުރަތަމަ ނިއުކްލިއަ ސައިންޓިސްޓް ޑރ. އޭޕީޖީ އަބުދުލް ކަލާމްގެ ހަށިކޮޅު އިންޑިއާގެ ރާމޭސްވަރާމްގެ ޕެއިކަރުނބު ބިމުގައި ފަސްދާނު ލައިފި އެވެ.

ކަލާމް އަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގެ ގޮތުން ޕެއިކަރުނބު ބިމަށް ދައުލަތުގެ ގިނަ އަދަދެއްގެ އިސްވެރިން ވެސް ވަނީ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ކަލާމްގެ ހަށިކޮޅު ދިއްލީ އިން އެންމެ ފުރަތަމަ ގެންދިޔައީ އޭނާގެ ގެއަށެވެ. އެއަށް ފަހު ގެއިން މިސްކިތަށް ގެންގޮސް ކަށުނަމާދުކުރުމަށް ފަހު ހަށިކޮޅު ވަޅުލާފައިވާ ބިމަށް ވެސް ގެންދިޔައީ އިންޑިއާގެ ދިފާއީ ބާރުގެ އިތުރުން ކަލާމްގެ އާއިލާގައި ހިމެނިވަޑައިގަންނަވާ އޭނާގެ ބޭބެ އުރުން 99 އަހަރުގެ މުހައްމަދު މުތޫ މީރާ ހަށިކޮޅުގައި ހިފަހައްޓައިގެންނެވެ.

ޑރ. އޭޕީޖީ އަބުދުލް ކަލާމްއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް ބޮޑުވަޒީރު މޯދީ ވަޑައިގެން -- ފޮޓޯ -- އިންޑިއާ ޑިފެންސް މިނިސްޓަރ

އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ ރާމޭސްވަރާމް އަށް ޒިޔާރަތްކޮށް ކަލާމްއަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބައެއް ފަރާތްތަކުން ރާމޭސްވަރާމްގައި ރޭ ނިދާފައި ވަނީ ވެސް މަގުމަތީގަ އެވެ.

ކަލާމް އިންޑިއާގެ ރައީސް ކަމަށް 2002 ވަނަ އަހަރު އައްޔަން ކުރީ އޭރު އެގައުމުގެ ވެރިކަން ކުރަމުން ދިޔަ ބީޖޭޕީ އާއި އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ވެސް ތާއީދާ އެކުގަ އެވެ. ރައީސް ކަމުގެ ފަސް އަހަރުގެ ދައުރު ނިންމެވުމަށް ފަހު އޭނާ ކުރައްވަމުން ގެންދެވީ ފޮތް ލިއުއްވުމާއި ތަގުރީރު ކުރެއްވުން ފަދަ އިލްމީ މަސައްކަތް ތަކެވެ.