10 Mar 2011, 12:45
ޝެއިޚް އިބްރާހިމް ފަރީދުގެ "ވަދާއީ ދަރުސް"ގެ އިޝްތިހާރުގައި ހުތުރު ބަހެއް ބޭނުންކޮށްފައިވާ ކަމަށް ބުނެ، އެ އިޝްތިހާރު ދެއްކުން އެމްއެންބީސީން މެދުކަނޑާލައިފި އެވެ.
ދަރުސް އިންތިޒާމްކުރާ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އިބްރާހިމް ފައުޒީ ވިދާޅުވީ، މާދަމާރޭ 8:45 ގައި އާޓިފިޝަލް ބީޗްގައި އޮންނަ ޝެއިޚް ފަރީދުގެ "ވަދާޢީ ދަރުސް"ގެ އިޝްތިހާރު ފޮނުވުމަށް އެމްއެންބީސީ އަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެ ދަރުސްގެ އިޝްތިހާރު ތިން ފަހަރު ޓީވީން ދެއްކުމަށްފަހު މެދުކަނޑާލައިފައިވަނީ އެމްއެންބީސީއަށް "އިސްފަރާތަކުން" ގުޅައި، އެ އިޝްތިހާރުގައި ހުތުރު ބަހެއް ބޭނުންކޮށްފައިވާ ކަމަށް ޝަކުވާކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ދަރުސްގެ އިޝްތިހާރު ބްރޯޑްކާސްޓްކުރެވޭނީ ހުތުރު ކަމަށް ބުނާ ތަންކޮޅު އެޑިޓްކުރުމަށްފަހު ކަމަށް އެމްއެންބީސީން އެންގާފައިވާތީ، އެތަންކޮޅު އެޑިޓްކުރުމަށްފަހު މިއަދު އަލުން އިޝްތިހާރު ދެއްކުމަށް ފަށަން ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.
އެދަރުސްގެ އިޝްތިހާރުން ކަނޑާލަން އެމްއެންބީސީން އެންގި ތަންކޮޅުގައި ޝެއިޚް ފަރީދުގެ އަޑުން ވިދާޅުވާ އަޑު އިވެނީ "ހެޔޮވާނެތޯ ކިއުކަމްބާތޯ ހެއްދެވީ އަންހެނުންނަށްޓަކައި ނޫނީ ފިރިހެނުންތޯ މާތް ﷲ ހެއްދެވީ." މިހެންނެވެ.
އެމްއެންބީސީގެ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު އާސިފް (މޮންދު) މިއަދު ވިދާޅުވީ އެ ދަރުސްގެ އިޝްތިހާރު ދެއްކުމަށް ހުއްދަ ނުދިނީ އެ ދަރުސްގެ އިޝްތިހާރުގައި ލަދުވެތި ހުތުރު ބަހެއް ބޭނުން ކޮށްފައި ވާތީ ކަމަށެވެ. އެހެންނަމަވެސް އެބަސް ކަނޑާލުމުން މިހާރު އެމީހުންނަށް ހުއްދަ ދީފައިވާ ކަމަށް ވެސް މޮންދު ވިދާޅުވި އެވެ.
ނަމަވެސް، އިސްލާމިކް ފައުންޑޭޝަންގެ ރައީސް ވިދާޅުވީ، އެމްއެންބީސީން މާ ގައިގޯޅި މަންޒަރުތަކާއި ވަހުޝީ ކަންކަމަށް މަގުފަހިވާ ގޮތްގޮތަށް އެއްޗެހި ދައްކާއިރު އިސްލާމްދީނާ ޚިލާފު ވާހަކަތަކަށް ރައްދުދެއްވައި، ޝެއިޚަކު ދައްކަވާ ވާހަކަ ހުތުރު ކަމަށް ބުނުމަކީ ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ.
ޝެއިޚް ފަރީދަކީ ކުރީގެ ސަރުކާރުގައި ހުއްދަ ނެތި ދަރުސް ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޭފުޅެކެވެ. އެ މައްސަލަ ޝަރީއަތުގެ މަރުހަލާގައި އޮތްއިރު، ފަރީދު ގެންދަވަނީ ގިނަ ދަރުސްތަކެއް ދެއްވަމުންނެވެ.