01 Aug 2015, 09:30
މި މަހުގެ 18 ވަނަ ދުވަހު މާލޭގައި އަމިއްލަ ބަނޑަށް ވަޅި ހެރި އަންހެން މީހާގެ ފިރިމީހާ ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ހިނގައްޖެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެމީހާ ސީރިއާ ދިއުމަށް ޓަކައި ފުރާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެނގިފައިވާ ގޮތުގައި އެ މީހާ ސީރިއާ އަށް ގޮސްފައި ވަނީ ތައިލެންޑު މަގުން ނެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ އަކީ މާލޭގައި ހިންގަމުން އަންނަ ޕްރީ ސްކޫލެއްގެ ބޮޑު ހިއްސާއެއް އޮންނަ މީހެކެވެ.
ތައިލެންޑު މަގުން ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވުމަށް މީހަކު ފުރައިގެން ގޮސްފައިވާ އިރު ހަމަ ތައިލެންޑް މަގުން ސީރިއާ ހަނގުރާމައަށް ދިއުމަށް ފުރި ދިވެހި ފިރިހެނަކު މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ އަނބުރާ ރާއްޖެ ވެސް ގެނެސްފަ އެވެ.
އެ މީހާއާ އެކު ތައިލެންޑްގެ އިމިގްރޭޝަނު ދެ އޮފިސަރުން ވެސް ރާއްޖެ ވަނީ އައިސްފަ އެވެ. އެނގިފައިވާ ގޮތުގައި އެ މީހާ މާލެ ގެނެސް އެކަމުގެ ތަހުގީގު ފުލުހުން ދަނީ ކުރަމުން ނެވެ.
ސީރިއާ ހަނގުރާމާގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ސީރިއާ އަށް ދިއުމަށް ފުރަމުން ދާއިރު ސީރިއާ ހަނގުރާމައަށް ދިވެހިންދޭތޯ ބެލުމަށް ރާއްޖެ އިން ބޭރަށް ފުރާ ފްލައިޓްތައް ޗެކު ކުރަން ފުލުހުން ވަނީ ފަށައިފަ އެވެ.
ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިވެހިން ދިއުމަކީ ގައުމީ ކަންބޮޑުވުމެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ހަނގުރާމަ އަށް ދާ ފަރާތްތަކުގެ މައުލޫމާތު ލިބޭ ނަމަ އެކަން ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ބަލައި އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަން ޖެހޭ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ އިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް 50 އަށް ވުރެ ގިނަ ދިވެހީން ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.