ފޮރިން މިނިސްޓްރީ ކައިރިން ޖަރުމަނުގެ ފަތުރުވެރިއެއްގެ އަތްދަބަސް ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. ޝައިނިންގް ސްޓާ މޫސާ ރިޟްވާން، 31، އާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ދެ މީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ އިއްޔެ ކަމަށެވެ.

ފުރަތަމަ އެމީހުން ހުއްޓުވައި ސުވާލުކޮށްފައިވަނީ ބަނގުރާ ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން އަންގާރަ ދުވަހުގެ މެންދުރު 12:35 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައެއް ތަކެތި ފެނުމާއެކު އެމީހުން ވަގުތުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ފަހުން އެނގުނު ގޮތުގައި އެމީހުންގެ އަތުން ފެނުނު ތަކެއްޗަކީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފޮރިން މިނިސްޓްރީ ކައިރިން ދިޔަ ޖަރުމަން މީހެއްގެ އަތުން ފޭރިފައިވާ ދަބަހެއްގައި ހުރި ބައެއް ތަކެތި ކަމަށެވެ.

އެމީހުންނާ އިތުރަށް ސުވާލުކޮށް ހިންގި ތަހުގީގުން އެ ދަބަހުގައި ހުންނާނެކަމަށް ބުނާ ގިނަ އަދަދެއްގެ ފައިސާއާއި އިތުރު ތަކެތިވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނަައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.