މާދަމާ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ރަސްމީ ކުޅިވަރުތައް ބަލައިލަން ވަނުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް، ހެވިކަމުގެ ކުޅިވަރުތަކުގެ އެންމެ ފަހުގެ ފަރިތަކުރުންތައް މިރޭ ބަލާލުމަށް ފާސް ނެގުމަށް ގިނަ ބަޔަކު ކިޔޫޖެހިއްޖެ އެވެ.

މިއަދު 10:30 އިން ފެށިގެން ވެލާނާގޭ ތިރިން މާލޭގައި އުޅޭ ފަރާތްތަކަށް ފާސް ދޫކުރާ އިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިޔޫ ޖެހިފަ އެވެ. ވިލިމާލޭގައި އެ ރަށު ޓާމިނަލްއިން ފާސް ދޫކުރާ އިރު ހުޅުމާލެގައި ފާސް ދޫކުރަނީ އެރަށު ޓާމިލަންއިންނެވެ.

ކޮންމެ އައިޑީކާޑަކަށް ދެ ފާސް ދޫކުރެ އެވެ.

މިނިވަން 50 އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) "ސަން"އަށް ރޭ ވިދާޅުވީ ހެވިކަމުގެ ކުޅިވަރުގެ ފަހު ރިހާސަލް ބަލާލުމުގެ ފުރުސަތު މިރޭ އާންމުންނަށް ހުޅުވާލަނީ، ގިނަ ބަޔަކަށް އެ ކުޅިވަރުތައް ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ޖުމްލަ 12،000 މީހުންގެ ޖާގައިގެ ދަނޑަށް ހުކުރު ދުވަހު ރޭ މީހުން ވައްދާނީ، ލިމިޓްކޮށްގެން ކަމަށް ސަލީމް ވިދާޅުވި އެވެ.

ހުކުރު ދުވަހު ގައުމީ ފުޓްބޯޅަ ދަނޑަށް ވަދެވޭ އާންމުން ހޮވާލާފައި ވަނީ މިނިވަން 50 ގެ އޮފީހުންނެވެ. އެ މީހުންނަކީ އެ ކުޅިވަރުތަކުގައި ބައިވެރިވާ ފަރާތްތަކުގެ ބެލެނެވެރިންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ހެވިކަމުގެ ކުޅިވަރުތަކުގައި ފެނިގެންދާނީ ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ އައިޓަމްތަކެވެ. އެ ގޮތުން ރާއްޖޭގެ 800 އަހަރުވީ ތާރީހު މެދުކެނޑުމެއް ނެތި ހަތަރު ގަޑިއިރަށް ދަނޑުގައި އެ ހުށަހެޅުންތަކުން ފެނިގެންދާނެ ކަމަށް މިނިވަން 50 އޮފީހުން ބުންޏެވެ.