ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން ލިބޭ އުފަލަށްފަހު ދެން ލިބޭނެ އެންމެ ބޮޑު އުފަލަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓް ކާމިޔާބީތަަކެއް ހާސިލްކޮށްގެން އައުމުން "ހީރޯސް ވެލްކަމް އަކަށް ފުރުސަތު ދެއްވުމުން" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އައިއޯއައިޖީގައި ވާދަކުރާ ދިވެހި ކޮންޓިޖެންޓް މާލެއިން ފުރުމުގެ ކުރިން، ކޮންޓިޖެންޓުންނާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަން ފަންސާސް އަހަރުތަކުގައި އެކިއެކި ބޭފުޅުންގެ ނަންތައް ތާރީޚްގައި ލިޔެވިގެން ދިޔަ ފަދައިން އައިއޯއައިޖީގައި ވާދަކުރާ ކޮންޓިންޖެންޓުން ހީރޯސް ވެލްކަމަކާއެކު އަތުވެއްޖެނަމަ އެކޮންޓިންޖެންޓްގެ ނަންވެސް ތާރީޚްގައި ލިޔެވިގެންދާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މިނިވަން ފަންސާހުގެ އިހްތިފާލްތައް ފާހަގަކުރަމުން ދާއިރު ދިވެހިންނަށް އެންމެ ބޮޑު އުފާވެރިކަމަކަށްވާނީ އައިއޯއައިޖީގެ ކޮންޓިންޖެންޓުން ހީރޯސް ވެލްކަމަކަށް ފުރަސަތު ދެއްވުމުން ކަމަށާއި ހީރޯސް ވެލްކަމަކަށް ފުރުސަތު ދެއްވައިފި ކަމުގައިވާނަމަ އެއަށްވުރެން ބޮޑު ޝަރަފެއް އެމަނިކުފާނަކަށް އަދި ދިވެހި ރައްޔިތުންނަކަށް އިތުރަކަށް ނުލިބޭނެ ކަމަށެވެ.

"ފަންސާހުގެ މިނިވަން އަހަރުތަކުގައި އަޅުގަނޑުމެން ހޭދަ ކުރާއިރު ފަރުދީ ގޮތުން އަދި އަޅުގަނޑުމެން މުޅި ގައުމެއްގެ ގޮތުން އަޅުގަނޑުމެން އުފާ ކުރާކަމެއް. އެކަމަކު އެޔާއެކީ އެއުފާ އަޅުގަނޑުމެންނަށް ހާސިލް ކުރުމުގެ ބޮޑު ފުރުސަތުތަކެއް، ބޮޑު އުންމީދުތަކެއް ގުޅިފައިވަނީ މިއަދު އަޅުގަނޑުމެންނާ ވަކިން ދަތުރު ހައްދަވައިގެން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފުރުއްވާ ތިޔަކޮންޓިންޖެންޓްގެ އަތް މަތީގައި،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ، މިނިވަންކަމުގެ ރަންޔޫބީލްގެ ކުލަތައް ގިރީޓީ ކުރާއިރު ކުޅިވަރުތަކުންވެސް މިކަން ކޮށްދެއްވުމަކީ ދިވެހިރައްޔިތުންގެ ހިނިތުންވުމަށް ދިވެހި ކޮންޓިންޖެންޓުން ކޮށްދެވޭނެ އެންމެ ބޮޑު އެއް ކަންތައް ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން ފާހަގަ ކުރާއިރު އައިއޯއަޖީގެ ކޮންޓިންޖެންޓާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނަށް ލިބިގެންދިޔަ ބޮޑު ޝަރަފެއްކަމަށާއި ނަމަވެސް އެއަށްވުރެ ބޮޑު ޝަރަފެއް ލިބިވަޑައިގަންނަވާނީ ކޮންޓިންޖެންޓުން އެނބުރި އަންނައިރު މިއަށްވުރެ ބޮޑު ރަސްމިއްޔާތަކާއެކު ކޮންޓިންޖެންޓަށް "ހީރޯސް ވެލްކަމް ދެންނެވުން" ކަމަށެވެ.

"އަޅުގަނޑުމެން މިތާންގައި [ރައީސް އޮފީހުގައި] ކަބަޑުވެސް ޖަހަން ފަށައިފިން. އަޅުގަނޑުމެންނަށް ބޭނުންވޭ ޝެލްފްތައް މެޑަލްތަކަކުން ފުރި ޑެކަރޭޓް ކޮށްލަދެއްވުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މުބާރަތްތަކުގައި ކުޅޭނީ ބައިވެރިވާން ނޫންކަމަށާއި މޮޅުވާން ކަމަށެވެ. އެމަނިކުފަނުގެ އުންމީދަކީ ކޮންމެ ކަމެއްގައިވެސް "އައުޓް ސްޓޭންޑިން އެކްސެލެންސް" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.