30 Jul 2015, 10:45
އަލަށް އުފަންވާ ކުދިންނަށް އަގީގާ ކަތިލުމަށް ބޭނުންވާ ފަރާތްތަކަށް ހައްޖު ދުވަސްވަރު ސައުދީ އަރަބިއްޔާގައި އެކަން ކުރުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައި ދިނުމަށް ނިންމައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖު މޫސުމުގައި ސައުދީ ބިމުގައި އަގީގާ ކަތިލުމުގެ އިންތިޒާމް އެ ކޯޕަރޭޝަނުން ހަމަޖައްސައި ދިނުމަށް ނިންމާފައިވާ އިރު އެކަމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 27 ވަނަ ދުވަހުގެ ކުރިން އެ ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށް އެދޭ ކަމަށެވެ.
އަންހެން ކުއްޖަކަށް އަގީގާ ކަތިލައިދެނީ 2313 ރުފިޔާއަށް.
- ފިރިހެން ކުއްޖަކަށް އަގީގާ ކަތިލައިދެނީ 4626 ރުފިޔާއަށް.
އަގީގާ ކަތިލުމަކީ އަލަށް އުފަންވާ ކޮންމެ ކުއްޖެއް އުފަންވި ދުވަހުން ފެށިގެން ހަތް ވަނަ ދުވަހު ނުވަތަ 14 ވަނަ ދުވަހު ނުވަތަ 21 ވަނަ ދުވަހު ނުވަތަ ކުއްޖާ ބާލިޣު ވުމުގެ ކުރިން ކުރަން ޖެހޭ ކަމެކެވެ.
އެކަން ކުރުމަށް ބޭނުންވާ ފަރާތްތަކުން ފައިސާއާ އެކު އައިޑީ ކާޑު ކޮޕީއަކާއި އަގީގާ ކަތިލާ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީއަކާއި އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ހުށަހަޅަން ޖެހެ އެވެ.
އަގީގާގެ އިތުރުން އުލްހިޔާ އާއި ސޮދަގާތުގެ ގޮތުގައި ކަތިލަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެކޯޕަރޭޝަންއިން ބުންޏެވެ.