ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން އިހްރާމް ހެދުމުގައި ސައުދީ އަރަބިއްޔާ އަށް އެތެެރެވާން މަސައްކަތް ކުރި މީހަކު އެގައުމުގެ ކަސްޓަމްސް އިން ހައްޔަރުކޮށްފި އެވެ.

ކާކުކަން ނޭނގޭ އެމީހާ ސައުދީ ކަސްޓަމްސްއިން އަތުލައިގެންފައި ވަނީ ހެރޮއިން ކަމަށް ބެލެވޭ 93 ބުލެޓް، އެމީހާގެ ހަށިގަނޑުގެ ސްކޭން ކުރިއިރު ފެނުމުން ކަމަށް އެގައުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެމީހާގެ ބަނޑުތެރޭގައި ރައްކާކޮށްފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ 686 ގްރާމެވެ.

އެ މީހާ ސައުދީ އަރަބިއްޔާ އަށް އެތެރެެވި އިރު ހުރީ ހައްޖުވެރިން އަޅާ ކަހަަލަ ހުދު ކުލައިގެ އިހުރާމް ހެދުމެއް އަޅައިގެންނެވެ. އަދި އެ މީހާ އެ ގައުމަށް އެތެރެވެފައި ވަނީ ޖިއްދާގެ ވެސްޓާން ރެޑް ސީ ޕޯޓްގެ އެއާޕޯޓުން ކަމަށް ހަބަރުތައް ބުނެ އެވެ.

ސައުދީ އަރަބިއްޔާގައި 10 މިލިއަނެއްހާ ބިދޭސީން ދިރުއުޅޭ އިރު އޭގެތެރޭގައި މަސްތުވާތަކެތީގެ މުއާމަލާތްތައް ކުރާ މީހުން އުޅޭކަމަށް އެގައުމުގެ ނޫސްތަކުން ބުނެ އެވެ.
މައުލޫމާތު: އެމެރޭޓްސް 24/7