ކުރީގެ މާކަރީ ލައިޓް ކުރިމަތީގައި ހުންނަ ކޯސްޓް ލައިން ހާޑްވެއާ ފިހާރައިގެ ވޮޗަރަކަށް އިން މީހެއްގެ ގައިގައި ކާރަކުން ޖެހި އަނިޔާ ވެއްޖެ އެވެ.

ފުލުހުންގެ މީޑއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ މެންދަމު 12:00 ޖަހާކަން ހާއިރު ހިނގި އެހާދިސާގައި ކޯސްޓްލައިން ހާޑްވެއާ ފިހާރައިގެ ޕޭމަންޓްމަތީގައި ގޮނޑިއެއްގައި އިން ވޮޗަރުގެ ގައިގައި ޕްރައިވެޓް ކާރަކުން ޖެހުނީ ކާރު ދުއްވިލެއް ބާރު ކަމުން ގޮސް ކޮންޓްރޯލްނުކުރެވި، ޕޭމަންޓް މައްޗަށް އެރި ވަގުތު ކަމަށެވެ.

ކޯސްޓްލައިން ހާޑްވެއާ ފިހާރައިގައި މަސައްކަތްކުރާ ގާތްގަނޑަކަށް އުމުރުން 40 އަހަރުގެ އެމީހާ އަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ރޭ ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ކޯސްޓްލައިން ފިހާރާގެ އިސްބޭފުޅަކު ވިދާޅުވީ، އެކްސިޑެންޓުވި ވޮޗަރަށް ފަރުވާދިނުމަށް ފަހު އައިޖީއެމްއެޗުން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި އޭނާ އަށް މާބޮޑު އަނިޔާއެއް ނުލިބޭ ކަމަށާއި މިހާރު އަލުން މަސައްކަތަށް ނުކުމެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ، ބާރަށް ދުއްވައިފަ ދިޔަ އެ ކާރުގެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މަންޒަރުދުށް މީހަކު ބުނީ، އެކްސިޑެންޓްވީ ރީނދޫކުލައިގެ ޕްރައިވެޓް ކާރެއް ކަމަށެވެ.