30 Jul 2015, 10:11
ކޮމަންވެލްތުން ވެކިނުވެ ރާއްޖެ އޮންނާނެ ކަަމަށް އުއްމީދުކުރައްވާ ކަމަށް ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ވިދާޅުވެއްޖެ އެވެ.
ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރާއި ކަމަލޭޝް ޝަރުމާ އިއްޔެ ލަންޑަންގައި، ކޮމަންވެލްތުގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ކޮމަންވެލްތުން ރާއްޖެ ވަކިނުވެ 'ހަރަކާތްތެރި' ގައުމެއްގެ ގޮތުގައި ކޮމަންވެލްތު އާއިލާގައި ދެމިއޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝަރުމާ ވިދާޅުވި ކަަމަށް ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވެ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އަލީ ނަސީރު ވަނީ ޝަރުމާއަށް މައުލާމާތު ދެއްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އެދިވަޑައިގެންފައިވާ ކަަމަށް ވިދާޅުވި އެވެ.
އަދި އެ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ކޮމަންވެލްތާ ބެހޭ ގޮތުން ކުރިއަށްދާ މަޝްވަރާ އާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. ރާއްޖެ ކޮމަންވެލްތްގައި ދެމިއޮތުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވަނީ ބަހުސްކޮށްފަ އެވެ. އެ ބަހުސްގައި ސަރުކާރަށް ތާއިދުކުރާ ބައެއް މެމްބަރުން ވަނީ ކޮމަންވެލްތުން ވަކިވުމަށް ގޮވާލައިފަ އެވެ. ސަރުކާރާއި އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ކޮމަންވެލްތަށް ބިރުދެއްކުން ކަމަށެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާން މިހާރު ވަނީ އެ މިނިސްޓްރީގެ ވެބްސައިޓުން ނަގައިފަ އެވެ. ރާއްޖެ ކޮމަންވެލްތު މެމްބަރަކަށްވީ 1985 ގަ އެވެ.