މީގެ 22 ކުރިން، 1993 ވަނަ އަހަރު އިންޑިއާގެ މުމްބާއީ އަށް ދިން ބޮމުގެ ހަމަލާ އަށް ފައިސާ ހަރަދު ކުރިކަން ސާބިތުވެ، މެރުމަށް ހުކުމް އިއްވާފައިވާ ޔަކޫބް މެމޮން މިއަދު ހެނދުނު ދަންޖައްސައި މަރާލައިފި އެވެ.

ބީބީސީ އިން މިއަދު ބުނީ އިންޑިއާގެ މަހާރަސްތާ ސްޓޭޓުން މިއަދު އެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އޭނާ ދަންޖައްސައި މަރާލާފައި ވަނީ ނަގުޕޫރުގަ އެވެ.

މުމްބާއީ ބޮމުގެ ހަމަލާގައި 257 މީހުން މަރުވި އެވެ. މެމޮން ދަންޖައްސައި މަރާލާފައި ވަނީ އޭނާ 53 ވަނަ އުފަންދުވަހު އެވެ.

މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާގައި 257 މީހުން މަރުވި --

ބީބީސީ އިން ބުނީ އިންޑިއާގައި މަރުގެ އަދަބު ދެނީ ވަރަށް މަދުން ކަމަށެވެ. އަދި 2004 ވަނަ އަހަރަށް ފަހު މަރުގެ އަދަބު ތަންފީޒު ކުރި މިއީ ތިން ވަނަ ފަހަރު ކަމަށެވެ.

މެމޮން ދަންޖައްސައި މަރާލި އިރު ނަގުޕޫރުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.

ނަވާރަސަތޭކަ ނުވަދަހި ތިން ވަނަ އަހަރުގެ މާޗު މަހު މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާގައި އެތައް ތަނަކަށް އެއްފަހަރާ ހަމަލާދިނެވެ. އޭގެ ތެރޭގައި ބޮމްބޭ ސްޓޮކް އެކްސްޗޭންޖާއި އެއާ އިންޑިއާގެ އޮފީހާއި މަޝްހޫރު ލަގްޒަރީ ހޮޓަލަކަށް ވަނީ ހަމަލާދީފަ އެވެ.

މެމޮން ދަންޖައްސައި މަރާލާފައި މި ވަނީ، އެ ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް މެމޮންގެ ވަކީލުން ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތްތާ މަދު ގަޑި ކޮޅެއްގެ ތެރޭގަ އެވެ.