ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ޕުރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ނިންމާފައ ިވިއަސް، އެ ދައުވާއަކީ ބާތިލު ދައުވާއެއް ކަމަށް ކަނޑައަޅައި ދިނުމަށް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފި އެވެ.

ނަޝީދުގެ ފަރާތްޕުޅުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ސޮއިކުރައްވައި ޕީޖީ މުހުތާޒަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއް ކަމަށް އިސްތިއުނާފު މަރުހަލާގައި ރާއްޖޭގެ ހައިކޯޓުގައި ކަނޑައަޅާ ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މަނިކުފާނު [ޕީޖީ މުހުތާޒު] މިމޭރުމުން ވިދާޅުވާ އިރު ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރެވުނު ޝަރީއަތް ބިނާވެފައި ވަނީ ބާތިލު އިޖުރާއަތްތަކެއްގެ މައްޗަށް ބިނާކޮށް މަނިކުފާނު ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ މައްޗަށެވެ. އަދި މި މައްސަލަ [ނަޝީދުގެ މައްސަލަ] އިސްތިއުނާފު ކުރައްވަނީ ރައީސް ނަޝީދު އެކަމަށް އެދިވަޑައިގަންފައި ވާތީ ކަމަށް ވިދާޅުވާތީ ރައީސް ނަޝީދު މަނިކުފާނުގެ އަރިހުން އެދިވަޑައިގަންނަވަނީ ބާތިލު ދައުވާއެއް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް މަނިކުފާނު ނިންމަވާފައި ވާތީ ރައީސް ނަޝީދުގެ މައްޗަށް ކުރެއްވި ދައުވާ އަކީ ބާތިލު ދައުވާއެއް ކަމަށް ކަނޑައަޅާ ދެއްވުމަށް އިސްތިއުނާފީ މަރުހަލާގައި ހައިކޯޓުގައި އެދިވަޑައިގަތުމަށެވެ." ސިޓީ ބަޔާންކޮށްފައިވެ އެވެ.

ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާ ކަންތައްތައް:

  • ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ޕީޖީގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދިފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދާ ހިލާފަށްކަން.
  • އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލަ އަކީ ޖިނާއީ އެހެން ދައުވާތައް ކުރާ އުސޫލުތަކާ އެއްގޮތަށް ފުލުހުން ތަހުގީގުކޮށްފައިވާ މައްސަލައަކަށް ނުވާތީ ޕީޖީ އިން ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއްކަން.
  • ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނު އަސާސީ އާއި ޕީޖީގެ ގާނޫނާއި ޖިނާއީ މައްސަލަތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށް ވާތީ ޕީޖީ އިން ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއްކަން.
  • ނަޝީދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާގައި ޓެރަރިޒަމްގެ ގާނޫނު ބުނެފައިވާ "ގަދަކަމުން ފޮރުވުމުގެ" ކުށުގެ އަމަލު ފުރިހަމަ ނުވާތީ ނަޝީދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއްކަން
  • އަބްދުﷲ ގާޒީ ހައްޔަރު އެކަހެރިކޮށްފައި ވަނީ އެމްއެންޑީއެފް އިން ކަމަށްވާ އިރު އެ މައްސަލާގައި ނަޝީދުގެ އެއްވެސް އަމަލެއް ނެތްއިރު ނަޝީދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއްކަން

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަހެރި ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައި އެ މައްސަލާގައި އެމަނިކުފާނު ވަނީ 13 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އެހެންނަމަވެސް މިހާރު ރައީސް ނަޝީދު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕީޖީން ނިންމާފައި ވަނީ ދައުލަތުން މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވާތީ، ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ވ) އިން ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

ޕީޖީން މީގެކުރިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ ގޮތާމެދު އެކި ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ރައީސް ނަޝީދުގެ ހައްޤުތަކެއް ގެއްލިފައިވާ ކަމަށާއި އެ މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައިނުވާ ކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވިދާޅުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.