ވޮޝިންޓަން (ޖުލައި 30): އިންޑިއާ ކަނޑުގެ ހުޅަނގުގައިވާ ޖަޒީރާ ގައުމެއްކަމަށްވާ ރިޔޫނިޔަންގެ ކަނޑުގެ އައްސޭރިފަށުން ފެނުނު މަތިންދާބޯޓެއްގެ ބައިތަކަކީ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެއްގެ ބައެއްކަމަށް ވަރަށްބޮޑަށް ބެލެވޭކަަމަށް އެމެރިކާ ބުނެފިއެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ، ރިޔޫނިޔަންގެ ކަނޑުގެ އަޑިން ފެނުނު މަތިންދާބޯޓެއްގެ ބައިތަކަކީ އެމެރިކާގައި އުފައްދާ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެއްގެ ފަހަތު ފިޔަގަނޑުގެ ބައެއްކަމަށް އެމެރިކާގެ ކަމާބެހޭ ތަޖްރިބާކާރުން ލަފާކުރައްވާ ކަމުގައެވެ. އަދި މިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ލެބޯޓްރީ ތަހްލީލުތައް ކުރަމުން މިކަން ސާފުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިޔާ އެއާލައިިންގެ އެމްއެޗް 370 ފްލައިޓަކީވެސް އެމެރިކާގައި އުފައްދާ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެކެވެ.

ފަސިންޖަރުން ނާއި ފަޅުވެރިންނާއެކު 239 މީހުން ގޮވައިގެން ކުއާލަލަންޕޫރުން ބެއިޖިންގްއަށް ދަތުރުކުރި އެފްލައިޓް ގެއްލިފައިވާއިރު އެފްލައިޓަށް ވީގޮތެއް ހޯދުމަށް މިހާތަނަށް ކޮށްފައިވާ އެއްވެސް މަސައްކަތަކުން އެކަން ސާފުވެފައެއް ނުވެއެވެ. އެހެންކަމުން އެމްއެޗް 370 ފްލައިޓް ގެއްލުމުގެ މައްސަލަ ވެފައިވަނީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެބޮޑު "މިސްޓްރީ" ކަމުގައެވެ.

ރިޔޫނިއަންގެ ފުލުހުން ބުނާގޮތުން އެގައުމުންވެސް މިހާރު ވަނީ އެގައުމުގެ ކަނޑުގެ އައްސޭރިފަށުން ފެނުނު މަތިންދާބޯޓުގެ ބައިތައް ފަންނީ ތަޖްރިބާކާރުންގެ އެހީގައި ބަލައި ތަހުގީގު ކުރަމުންނެވެ. މިބައިތައް މޫދުގައި އޮންނަތާ އަހަރެއް ވެފައިވާ ކަމަށް ބެލެވޭކަމަށް އެގައުމުގެ ފުލުހުންބުނެއެވެ. ނަމަވެސް އެއީ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެއްގެ ބައިތައްކަން ބުނަން އަދި އަވަސްކަމަށް އެގައުމުން ބުނެއެވެ.

އެމްއެޗް 370 ފްލައިޓް ވެއްޓުނުކަމަށް ބައެއް ފަރާތްތަކުން ލަފާކޮށްފައިވަނީ އިންޑިޔާ ކަނޑުގެ ހުޅަނގު ނޫނީ މެދުތެރޭ ހިސާބުތަކަށެވެ. ނަމަވެސް އެބޯޓު ހޯދުމަށް ކުރި މަސައްކަތުގައި އިންޑިޔާ ކަނޑުގެ އެ ހިސާބުތައް ބަލާފައެއް ނުވެއެވެ. (އޭޕީ)