30 Jul 2015, 02:31
ހުކުރު ދުވަހުގެ ރެ އަށް ގައުމީ ފުޓްބޯޅަ ދަނޑު ފައްކާ ކުރަމުންދަނީ ތާރީހީ ބޮޑު މަންޒަރެއް ދެއްކުމަށެވެ. ރާއްޖޭގައި މީހުން ދިރިއުޅެން ފެށިތާ 2500 އަހަރުވީ ތާރީހުގައި ކުލަ ޖައްސުމަށެވެ. ތިން ގަޑިއިރަށް ދެމިގެންދާ ބޮޑު ޑްރިލްއެއް އެ ރޭ ފެނިގެންދާނެ އެވެ. އެ ޑްރިލްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލާފައިވާ 2000 ދަރިވަރުން ބައިވެރިވާނެ އެވެ. ދިވެހިންގެ ދެމި އޮތުމަށް ޖިހާދު ކުރި ބަތަލުންގެ މަސައްކަތް ވެސް ސިފަކޮށްދޭން، އެ ރޭ މަސައްކަތް ކުރާނެ އެވެ. މިއުޒިކާ އެއްވަރަށް ފުރާވަރު ކުދިން ހުށަހަޅައި ދޭ ނެށުންތަކުން، ތަފާތު މެސެޖުތައް ދޭނެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ބޭއްވި ރިހާސަލްގެ ބައެއް މަންޒަރުތައް، ދަނޑުގައި ގާއިމްކޮށްފައިވާ ކޮންޓްރޯލް ރޫމުން-- ސަން ފޮޓޯ/ އަލީ ނަސީރު
ނަމަވެސް އެ މަންޒަރުތައް ހަމަލޮލުން ފެންނާނީ މަދު ބަޔަކަށެވެ. އެއީ 12،000 މީހުންގެ ޖާގައިގެ ގައުމީ ފުޓްބޯޅަ ދަނޑަށް އާންމުން ވެއްދުމުގައި ލިމިޓް ކުރަން "މިނިވަން 50"ގެ އޮފީހުން ނިންމާފައި ވުމުންނެވެ.
"އެ ހަރަކާތުގެ ގޮތުން އެހާ ގިނަ ބަޔަކު އަޅުގަނޑުމެން ދަނޑަށް ވައްދައިފިނަމަ، އަޅުގަނޑުމެންގެ މި މަސައްކަތަށް ބުރޫ އަރާނެ. މިއީ ފާޑެއްގެ މަސައްކަތެއް،" މިނިވަން 50 އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވި އެވެ.
ހެވިކަމުގެ ހަރަކާތް ހުރިހާ ރައްޔިތުންނަށް "ނަލަކޮށް" ދައްކާލުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) މެދުވެރިކޮށް، މިނިވަން 50 އޮފީހުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ސަލީމް ވިދާޅުވި ގޮތުގައި ހެވިކަމުގެ ހަރަކާތް "އެޗްޑީކޮށް" ވަގުތުން ދުރަށް ފޮނުވުމަށް ބޭނުންވާ ބައެއް އާލާތްތައް ޕީއެސްއެމަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެތަކެތި ޕީއެސްއެމަށް ގަނެފައި ވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ.

މިނިވަން 50 ގެ ހެވިކަމުގެ ކުޅިވަރުތައް ޓީވީއެމުން ވަގުތުން ދުރަށް ދެއްކުމަށް ދަނޑުގައި ގާއިމްކޮށްފައިވާ ކޮންޓްރޯލް ރޫމް--ފޮޓޯ/ ޕީއެސްއެމް
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު "ސަން"އަށް މިރޭ ވިދާޅުވީ ހުކުރު ދުވަހު ޓީވީއެމުން ގެނެސްދޭ ކަވަރޭޖަކީ ދައުލަތުގެ މީޑިއާގެ ތާރީހުގައި އެންމެ ގިނަ ކެމެރާ ބޭނުންކޮށްގެން ކުރިއަށް ގެންދާ ކަވަރޭޖަށް ވެގެންދާނެ ކަމަށެވެ. އެގޮތުން އެ ކަވަރޭޖުގައި ޖުމްލަ 40 ކެމެރާ ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން 20 ކެމެރާ، ދަނޑުގައި ބަހައްޓާނެ ކަމަށާއި އެކި އޭންގަލްތަކުން މަންޒަރުތައް ތަފާތު ގޮތަކަށް ފެނިގެންދާނެ ކަމަށް ހަލީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކައި ޑައިވަރުން ދަނޑަށް ތިރި ކުރާ ވަގުތު، ވައިގެ ތެރެއިން މަންޒަރުތައް ވަގުތުން ދައްކާނެ ކަމަށެވެ. މާލޭގައި ދިއްލާފައިވާ ރީތި ނަލަ މަންޒަރު ވެސް މަތިން ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަލީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޑްރޯނުން ދަނޑުގެ މަންޒަރު ވަގުތުން ފެންނާނެ ކަމަށެވެ.
"ސްކައި ޑައިވަރުން ދަނޑަށް ތިރި ކުރުމަށް، ވައިގެ ތެރެއަށް ފްލައިޓުން އުނދުއްސާލާ ވަގުތު ވެސް މަތިން މަންޒަރު ފެނިގެންދާނެ. އަދި ދަނޑަށް ތިރި ކުރާ ވަގުތު ވެސް ސްކައި ޑައިވަރުންގެ ގައިގައި ހަރުކޮށްފައިވާ ކެމެރާތަކުން ވަގުތުން މަންޒަރު ފެންނާނެ،" ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ބޭއްވި ރިހާސަލްގެ ބައެއް މަންޒަރުތައް، ދަނޑުގައި ގާއިމްކޮށްފައިވާ ކޮންޓްރޯލް ރޫމުން-- ސަން ފޮޓޯ/ އަލީ ނަސީރު
ސްކައި ޑައިވަރުން ވައިގެ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ވަގުތުން ދެއްކުމަށް ޕީއެސްއެމަށް އެހީތެރި ވަނީ އުރީދޫއިން ކަމަށް ހަލީލު ވިދާޅުވި އެވެ. އުރީދޫއިން އެ މަސައްކަތްކޮށްދެނީ ހިލޭ ސާބަހަށެވެ.
ހުކުރު ދުވަހުގެ ރޭ ދަނޑުގައި ކުރިއަށް ގެންދާ ހަރަކާތުގެ ބޭނުމަށް، ރާއްޖޭގެ 20 އަތޮޅުގައި 20 ކެމެރާ ވަނީ ބަހައްޓާފަ އެވެ. ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ބަހައްޓާ އެ ކެމެރާތަކުން ވަގުތުން މަންޒަރު ދަނޑަށް ފޮނުވާނީ ދިރާގު މެދުވެރިކޮށެވެ. އެ ހިދުމަތް ދިރާގުން ފޯރުކޮށްދެނީ ގައުމީ ހިދުމަތެއް ކަމުގައި ދެކިގެންނެވެ.
މާސް ސަލީމް ވިދާޅުވި ގޮތުގައި ކޮންމެ އަތޮޅަކަށް ލައިޓެއް ދަނޑުގައި ބަހައްޓާނެ ކަމާށެވެ. އަދި ދަނޑުގައި ހަރުކޮށްފައިވާ އެ އަތޮޅެއްގެ ލައިޓް ދިއްލޭ ވަގުތު އެ އަތޮޅެއްގައި ވެސް ހަމަ އެއް ވަގުތެއްގައި ލައިޓެއް ދިއްލޭނެ ކަމަށެވެ. ރަށްރަށުގެ ރައްޔިތުންގެ ބައިވެރިވުން އެކަމުގައި ގެނައުމަށް ކުރިއަށް ގެންދާ އެ ހަރަކާތުގައި އެ ރަށްތަކުގެ މަންޒަރު ވަގުތުން ދަނޑަށް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ޕްރޮޖެކްޝަން އާއި ލައިޓިން ބޭނުންކޮށްގެން އެފަދަ ބޮޑު އިވެންޓެއް ބާއްވާ ފުރަތަމަ ފަހަރެވެ. ޕްރޮޖެކްޝަން ބޭނުންކޮށްގެން ދަނޑުގެ ވިނަގަނޑުމަތީގައި އަޅާފައިވާ ޕިޗުގެ މައްޗަށް ފޮޓޯ އާއި ވީޑިއޯގެ މަންޒަރުތައް ކުރެހެމުންދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވީޑިއޯ ޕްރޮޖެކްޝަން ހަދަން ބޭނުންވާ ބައެއް ޕްރޮޖެކްޓަރުތައް ދަނޑުގައި ހަރުނުކުވޭތީ، ދަނޑުގެ އިރުމަތީ ފަރާތުގައި ހުރި ބޮޑު އިމާރާތެއްގައި ދެ ޕްރޮޖެކްޓަރު ހަރުކޮށްފައިވާ ކަމަށެވެ. ހެވިކަމުގެ ކުޅިވަރުގެ ޕްރޮޖެކްޝަން ހަދަނީ މިދިޔަ އަހަރު ބްރެޒިންގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ޕްރޮޖެކްޝަންގެ މަސައްކަތް ކުރި ކުންފުންޏަކުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ނޮންސްޓޮޕްކޮށް ކުރިއަށް ދާ ޑްރިލްގައި 150 ބެރުވެރިން ހަރަކާތްތެރިވާނެ އެވެ. އެ ބެރުވެރިންނަކީ ބެރުޖެހުމުގެ ހުނަރު ލިބިފައިވާ ދިވެހި ޒުވާނުންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ބޭއްވި ރިހާސަލްގެ ބައެއް މަންޒަރުތައް، ދަނޑުގައި ގާއިމްކޮށްފައިވާ ކޮންޓްރޯލް ރޫމުން-- ސަން ފޮޓޯ/ އަލީ ނަސީރު
ހުކުރު ދުވަހު ބާއްވާ އެ ބޮޑު ހަރަކާތް އެޗްޑީކޮށް މުޅި ދުނިޔެއަށް ދެއްކުމަށް ޕީއެސްއެމުން ދަނީ މަސައްކަތް ކުރަމުންނެވެ. ސެޓްލައިޓް މެދުވެރިކޮށް އެޗްޑީކޮށް ދެއްކުމަށް ވަކި ފީޑެއް ޕީއެސްއެމުން ދޫކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އަޅުގަނޑުމެންގެ ޓީވީއެމް ސެޓްލައިޓް މެދުވެރިކޮށް އެޗްޑީކޮށް ދެއްކުމަށް ދެ ފީޑެއް ދޫކުރާނަން. އަދި މީޑިއާ ނެޓް މެދުވެރިކޮށް މާލޭގައި ދިރިއުޅޭ މީހުންނަށް ވެސް އެޗްޑީކޮށް ފެންނާނެ ކަމުގެ ޔަގީންކަން ދެން،" ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެޗްޑީކޮށް މީޑިއާ ނެޓް މެދުވެރިކޮށް ފެންނާނި އެޗްޑީ ޑީކޯޑަރު ބޭނުން ކުރާ ފަރާތްތަކަށް ކަމަށެވެ. އަދި ޓީވީއެމަށް އެޗްޑީ ވަކިން ހާއްސަ ޗެނަލެއް ދޫކޮށްދިނުމަށް މީޑިއާ ނެޓްގައި އެދިފައިވާނެ ކަމަށް ހަލީލު ވިދާޅުވި އެވެ.
"އެޗްޑީކޮށް އަޅުގަނޑުމެންގެ ފީޑު ލިބޭނެ ވަކި ނިޒާމެއް ހަދައިދިނުމަށް އަޅުގަނޑުމެން މީޑިއާ ނެޓްގައި ވަނީ އެދިފައި. އެ ކެޕޭސިޓީ މީޑިއާ ނެޓްގައި ހުންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ހަލީލު ވިދާޅުވި އެވެ. "އެގޮތުން އެ ބޭފުޅުންނަށް އެކަން ނުކޮށްދެވިއްޖެނަމަ، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް ޓީވީއެމްގެ ފީޑުން އެޗްޑީކޮށް ދެއްކުމަށް އަޅުގަނޑުމެން އައިސްޓިވީގައި އެދޭނަން،"
ހަލީލު ވިދާޅުވީ ދަނޑުގައި ތިބޭ މީހުންނަށް ވުރެ "ސަޅިކޮށް" އެ މަންޒަރު ފެންނާނީ ގޭގެ ސިޓިންރޫމުގައި ޓީވީ ބަލަން ތިބޭ މީހުންނަށް ކަމަށެވެ. ސަބަބަކީ އެހާ ގިނަ ކެމެރާ ބޭނުންކޮށްގެން އެކި އޭންގަލްތަކުން އެ ނަގާ މަންޒަރުތަކުގެ ފުރިހަމަކަން އިހްސާސު ކުރެވޭނީ ސިޓިންރޫމުގައި ބަލަން އިންނަ މީހާއަށް ކަމަށް ވާތީ އެވެ.
އެޗްޑީ ކޮލެޓީގައި ދައްކާ މަންޒަރުތައް މާލެ އާއި ވިލިމާލެގެ އިތުރުން ހުޅުމާލޭގައި ބަހައްޓާ ސްކްރީންތަކުން ވަގުތުން ފެންނާނެ ގޮތް ހޯމް މިނިސްޓްރީން ވަނީ ތަނަވަސްކޮށްދީފަ އެވެ. އަދި އެ މަންޒަރުތައް ދަނޑުގައި ތިބޭ މީހުންނަށް ފެންނާނެ ގޮތް ހެދުމަށް ބޮޑު ސްކްރީނެއް ވަނީ ދަނޑުގައި ބަހައްޓާފަ އެވެ.
"ދަނޑުގައި ބަލަން އިންނަ މީހާއަށް، ސްކައި ޑައިވަރުން އުދުހިފައި އެ އަންނަ ނަލަ މަންޒަރެއް ނުފެންނާނެ. އެކަމަކު އަޅުގަނޑުމެން އެ މަންޒަރު ވެސް ވައިގެ ތެރެއިން ވަގުތުން މި ދައްކައި ދެނީ. އެކި އޭންގަލްތަކުން އެ ނަގާ މަންޒަރުތައް ކައިރިން ބަލާލައި، އެޗްޑީކޮށް ފެންނާނީ ޓީވީއެމުން،" ހަލީލު ވިދާޅުވި އެވެ. "މިހާ ބުރަ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން މި ކުރަނީ، މިއީ ތާރީހަށް ރައްކާކުރަންޖެހޭ އެއްޗަކަށްވާތީ."