މެލޭޝިއާ އެއާލައިންގެ ގެއްލިފައިވާ މަތިންދާ ބޯޓް އެމްއެޗް370 ގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް އިންޑިއާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ރިޔޫނިއަން އިން ފެނިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ދަ ޓެލެގްރާފް ނޫހުން ބުނީ އިންޑިއާ ކަނޑުގައިވާ ފްރާންސްގެ އެ ޖަރީޒާއަށް ލައްގާފައި އޮއްވައި ފެނުނީ މަތިންދާ ބޯޓެއްގެ ބައި ތަކެއް ކަމަށެވެ. އެތަކެތި ފެނުނު ރިޔޫނިއަންގައި ދިރިއުޅޭ މީހާ އޭގެ ފޮޓޯތައް ފްރާންސްގެ އޭވިއޭޝަނާ ބެހޭ މާހިރެއް ކަމަށްވާ ޒޭވިއާ ޓައިޓެލްމަން އަށް ފޮނުވި އެވެ.

ޓައިޓެލްމަން ޓެލެގްރާފަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ފެނުނު ފިޔަގަނޑަކީ އެމްއެޗް އެމްއެޗް370 އާއި އެއް ސައިޒެއްގެ މަތިންދާބޯޓެއްގެ ފިޔަގަނޑަކަށް ވެދާނެ ކަމަށެވެ.

"... ރިޔޫނިއަންގެ ފުލުހުން އަންނަނީ އެތަކެތި ތަހުގީގު ކުރަމުން، އެމީހުން ބުނާ ގޮތުގައި އެތަކެތި މޫދުގައި އޮންނަތާ އަހަރެއް ވެފައިވާ ކަމަށް ބެލެވޭ. އެއީ އަނެއްކާ ވެސް އެމްއެޗް 370 ކަމަށް ބެލެވޭނެ ސަބަބެއް. އަހަރެމެންނަށް ޔަގީންކަމާ އެކު އެހެން ބުނާކަށް ނޭނގޭ. އެކަމަކު މިއީ އެ [މަތިންދާބޯޓްގެ ބައިތަކަށް] ވެދާނެ ކަމަށް އަހަރެން ހީކުރަން،" ޓައިޓެލްމަން ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.