އޭއެފްސީ ވިމެންސް ފުޓްބޯޅަ ކޮމިޓީގެ މެންބަރު ކަމަށް ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް މަރްޔަމް މުޙައްމަދު (މާޔަން) އައްޔަންކޮށްފި އެވެ.

އެފްއޭއެމުން ބުނީ އެ އިދާރާގެ ވިމެންސް ޑިޕާޓްމެންޓްގެ އިސް ހެޑަކަށް ވެސް ހުރި މާޔަން އެ ކޮމިޓީއަށް އައްޔަން ކުރީ މި މަހު 11 ވަނަ ދުވަހު ބޭއްވި އޭއެފްސީ ބައްދަލުވުމެއްގައި ކަމަށެވެ.

އެ ކޮމީޓީ އައްޔަން ކުރުމާ ގުޅިގެން "ސަން"އަށް ދެއްވި އިންޓަވިއުގައި މާޔަން ބުނީ އެ ކޮމިޓީއަށް އޭނާ އައްޔަންވުމަކީ ރާއްޖޭ ފުޓްބޯޅައަށާއި ހާއްސަކޮށް އަންހެން ފުތްބޯޅައަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ހަގީގަތުގައި ވެސް މި ލިބުނީ ވަރަށް ބޮޑު އުފަލެއް. އެއީ ރާއްޖެ ކަހަލަ ކުޑަ ގައުމަކުން އަންހެނަކަށް އެފަދަ ކޮމިޓީއަކުން ފުރުސަތު ލިބި މުޅީ އޭޝިއާގެ އަންހެން ފުޓްބޯޅައިގައި ބަސްކިޔަން އިނުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" އުފަލުން ހުރެ މާޔަން ބުންޏެވެ.

އޭނަ ބުނީ އެކޮމިޓީން ފުރުސަތު ތަނަވަސްކޮށް ދިނުމުގައި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާއި ޙާއްސަކޮށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ކުރެއްވި މަސައްކަތައް ޝުކުރު އަދާކުރާ ކަމަށެވެ.