އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލް ކަލާމް އަވަހާރަވުމާ ގުޅިގެން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިންޑިއަން ހައިކޮމިޝަނަށް މިއަދު ވަޑައިގެން ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވައިފި އެވެ.

އިންޑިއަން ހައިކޮމިޝަނުން ބުނީ ޑރ. އޭޕީޖޭ އަބްދުލް ކަލާމް އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން މިނިސްޓަރު ދުންޔާ ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި ފޮރިން މިނިސްޓަރު މިއަދު ހައިކޮމިޝަނަށް ވަޑައިގެން ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވާފައިވާ ކަމަށް ވެސް އިންޑިއަން ހައިކޮމިޝަނުން ބުނެ އެވެ.

އެގޮތުން ޑރ. އޭޕީޖޭ އަބްދުލް ކަލާމް އަކީ ވަރަށް ވަރުގަދަ ދުރުވިސްނޭ ލީޑަރެއް ކަމަށް ވެސް ތައުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރު ލިޔުއްވާފައިވާ ކަމަށް ވެސް އިންޑިއަން ހައިކޮމިޝަނުން ބުނެ އެވެ. އަދި ޑރ. އޭޕީޖޭ އަބްދުލް ކަލާމް އަކީ އެތައް މިލިއަން ބައެއްގެ ލޯބިލިބިފައިވާ އަދި ހާއްސަކޮށް އިންޑިއާގެ ރައްޔިތުންގެ ލޯތްބާއި ގަދަރު ލިބިފައިވާ ބޭފުޅެއް ކަމަށް ވެސް ތައުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

އިންޑިއަން ހައިކޮމިޝަނުން ބުނީ ގިނަ އަދަދެއްގެ ރާއްޖޭގެ އިއްޒަތްތެރިންނާއި އެމްބެސަޑަރުންގެ އިތުރުން ސީނިއަ ޑިޕްލޮމޭޓުން ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވާފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ޑރ. އޭޕީޖޭ އަބްދުލް ކަލާމް އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދިއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

އަބްދުލް ކަލާމަކީ ރާއްޖޭގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި އަދި އެމަނިކުފާނު ރާއްޖޭ އަށް 2010 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އާ ކުރައްވާ ކަމަށް ރައީސްގެ ތައުޒިޔާގައިވެ އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ޢަބުދުލް ކަލާމް ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ އިންޑިއަން އިންސްޓްޓިއުޓް އޮފް މެނޭޖްމެންޓްގެ ރަސްމިއްޔާތެއްގައި އިންނަވަނިކޮށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަނެގެން ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރު އޮންނެވީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އެ ނޫހުން ބުންޏެވެ. ކަލާމް އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ.

ޑރ. ކަލާމްގެ ހަށިކޮޅު ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.