ޤާހިރާ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ޚާއްސަ މަންދޫބެއް ކުއްލި ދަތުރުފުޅެއްގައި އިއްޔެ ހަވީރު މިސްރަށް ވަޑައިގެންފިއެވެ.

ގައްޒާފީގެ މަންދޫބެއްގެ ގޮތުން މިސްރަށް ވަޑައިގެންނެވީ ލީބިޔާ ސިފައިންގެ ތެރޭގައި ހިމެނޭ ގައްޒާފީއަށް ވަފާތެރި އިސް އޮފްސަރެއްކަމަށްވާ ޖެނެރަލް ޢަބްދުއްރަހްމާން އައްޒަވީއެވެ. ޖެނެރަލް ޒަވީއަކީ ލީބިޔާ ސިފައިންގެ ލޮޖިސްޓިކް ކަންތައްތަކާބެހޭ އެންމެ އިސްމަސްއޫލުވެރިޔާއެވެ.

އޭނާ މިސްރަށް ވަޑައިގެންނެވީ ގައްޒާފީގެ ސިޓީފުޅެއް މިސްރުގައި ވެރިކަންކުރާ ސިފައިންގެ އެންމެމަތީ މަޖިލީހަށް އެރުވުމަށްޓަކައި ކަމަށް ޚަބަރުތައް ބުނެއެވެ.

މިސްރުގެ ބޮޑުވަޒީރު ޑޮކްޓަރ ޢިސާމް ޝަރަފް ވަނީ ލީބިޔާގެ ވަފްދާ ކުއްލި ގޮތަކަށް ބައްދަލުކުރެއްވުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކެންސަލްކުރައްވާފައެވެ. ގައްޒާފީގެ މަންދޫބު މިސްރުގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށް މުރާސިލުން ލަފާކުރަނީ މައިގަނޑު ދެކަމަކަށެވެ.

އެއްކަމަކީ ތިންދުވަހުގެ ތެރޭގައި ލީބިޔާ ދޫކުރައްވައި ގައްޒާފީއާއި ގައްޒާފީގެ ޢާއިލާ ފުރުމަށް ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ދީފައިވާ މުހުލަތުގެ ބޭނުން ހިފުމާބެހޭގޮތުން މިސްރުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމެވެ.
އަނެއްކަމަކީ ގައްޒާފީގެ ދިގުލީ އަނިޔާވެރި ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ ރައްޔިތުންނާ ހަނގުރާމަ ކުރުމަށް ބޭނުންވާ ހަތިޔާރާއި އެހިތެރިކަން މިސްރުގެ ކިބައިން ހޯދުމެވެ.

ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ ސަރަޙައްދުތަކުގައި އަދިވެސް މިލިޔަނެއްހާ މިސްރު މީހުން (އާދައިގެ މަސައްކަތު މީހުންގެ ގޮތުގައާއި ޑޮކްޓަރުންނާއި އިންޖިނޭރުންނާއި ޕްރޮފެސަރުންފަދަ ޕްރޮފެޝަނަލް މީހުންގެ ގޮތުގައި) އެބަތިއްބެވެ.

ގައްޒާފީގެ އެދުންތަކަށް މިސްރުން އިޖާބަ ނުދީފިނަމަ ލީބިޔާގައި ތާށިވެފައިވާ މިސްރުގެ މި ރައްޔިތުންނަށާމެދު ގައްޒާފީ ވަރަށް ހަރުކަށިގޮތަކަށް ކަންތައްތައް ކުރައްވަފާނެކަމުގެ ބިރު މިސްރުން އިހްސާސްކުރެއެވެ.

އަނެއްކޮޅުން ގައްޒާފީގެ އެދޭ އެދުންތަކަށް އިޖާބަދިނުމަކީ ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ބަރުހަތިޔާރު ބޭނުންކުރައްވައިގެން އޭނާ ހިންގަވަމުންގެންދަވާ ޤަތްލު ޢާންމުތަކުގައި ބައިވެރިވުން ކަމަށް ބެލެވޭނެ ކަމެކެވެ.
އެހެންކަމުން ގައްޒާފީގެ އެދުންތަކަށް މިސްރުން އިޖާބަ ނުދޭނެ ކަމަށާ ނަމަވެސް ގައްޒާފީ ލީބިޔާއިން ފިއްލެވުމަށް ބޭނުންފުޅުވާނަމަ އެކަމުގައި މެދުވެރިއެއްގެ ބައި މިސްރުން އަދާކޮށްފާނެ ކަމަށް މިފަރާތްތަކުން ދެކެއެވެ.

ގައްޒާފީގެ މަންދޫބު ޖެނެރަލް ޒަވީ ޤާހިރާއަށް ވަޑައިގެންނެވީ ލީބިޔާ ސަރުކާރުގެ ޚާއްސަ ޖެޓެއްގައި ޓްރިޕޮލީން ފުރައިގެން އަވަށްޓެރި އިޓަލީއާއި ގްރީކުގެ ވައިގެ މަގު ބޭނުންކޮށްގެން ކަމަށް މިސްރުގެ ސިވިލްއޭވިއޭޝަންގެ ދާއިރާއިން ހާމަކުރެއެވެ.
(އަލްޖަޒީރާ+އަލްއަހްރާމް)