29 Jul 2015, 22:06
ބ. ތުޅާދޫގައި ކައިވެނިން ބޭރުން މީހަކު ވިހެއި ދަރިފުޅު މަރުވުމުން އެ ތުއްތު ކުއްޖާ މާލެ ގެނެސް މޯޗަރީއަށް ލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކުއްޖާ މާލެ ގެނައީ މިރޭ 7:20 ހާއިރު ކަމަށެވެ. އަދި މިހާރު އެ ކުއްޖާ މޯޗަރީގައި ބާއްވާފައި އޮތީ ފުލުހުން ބަލަންޖެހޭ ކަންތައްތައް އިތުރަށް ބެލުމަށްޓަކައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ތަހުގީގު ކުރިއަށް ދާތީ އެ ކުއްޖާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ބޭފުޅުންނާއި އިތުރު ތަހުގީގީ ޓީމެއް ތުޅާދޫގައި ދަނީ ހަރަކާތެރިވަމުންނެވެ.
އެ މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
އަށާރަ އަހަރުގެ މީހާ ވިހެއި އެ ތުއްތު ކުއްޖާ މަރުވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ތުޅާދޫގައި އަޑުފެތުރޭ ގޮތުގައި ނަހަލާލަށް އެ މީހާ ވިހެއި އިރު ވެސް އޭނާ ބަނޑުބޮޑުކަން އެ ރަށު ބަޔަކަށް ނޭނގެ އެވެ. އަދި އޭނާ ވިހެއި ކަން އެނގުނީ ވެސް ވަރަށް ފަހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވިހެއީ ބަނޑަށް ހަތް މަހުގަ އެވެ. އަދި އެ މީހާ ވިހާފައި ވަނީ ދިރިއުޅޭ ގޭގެ ފާހާނާތެރެ އަށެވެ. އެކަން ހިނގިކަން ރަށުގެ މީހުންނަށް އެނގުނީ މިއަދު ހެނދުނު 8:45 ގަ އެވެ.
ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ އެ އަންހެން ކުއްޖާ ބަނޑުބޮޑުކަން އެނގުނީ ވެސް އޭނާ ވިހެއި ފަހުން ކަމަށެވެ. އޭނާ ވިހެއި ކުއްޖާ ފެނުނުއިރު އޮތީ މަރުވެފައި ކަމަށް ރަޝީދު ވިދާޅުވި އެވެ.