ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާއި ދިމާކޮށް އެމްއެމްއޭއިން ނެރުނު މިނިވަން ފަންސާހުގެ ހަނދާނީ ނޫޓު، ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމަށް ހަދިޔާ ކޮށްފި އެވެ.

ރައީސް މައުމޫންގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ހަނދާނީ ނޫޓު މައުމޫނަށް ހަދިޔާ ކުރެއްވީ އެމްއެމްއޭގެ ގަވަރުނަރ ޑރ. އަޒީމާ އާދަމް އެވެ. އަޒީމާ ވިދާޅުވި ގޮތުގައި ހަނދާނީ ނޫޓު އެމަނިކުފާނަށް ހަދިޔާ ކުރެއްވީ އެމްއެމްއޭ އުފެދިފައިވަނީ ރައީސް މައުމޫން ވެރިކަމުގައި ހުންނެވި ދުވަސްވަރު ކަމަށް ވެފައި އެމަނިކުފާނަކީ އެމްއެމްއޭގެ ފުރަތަމަ ގަވަރުނަރު ކަމަށްވާތީ އެވެ.

އެމްއެމްއޭއިން ނެރުނު 5،000ރ. ގެ ނޫޓު ރައީސް މައުމޫންއަށް އެރުއްވި ކަމަށްޓަކައި އެމަނިކުފާނު ވަނީ ގަވަރުނަރަށާއި ވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އެމްއެމްއޭއިން ނެރުނު މިނިވަން ފަންސާހުގެ ހަނދާނީ ނޫޓު ކުރީގެ ރައީސް މައުމޫން އަށް ހަދިޔާ ކުރުން: ފޮޓޯ- ފޯމަރ ޕްރެޒިޑެންޓް އޮފީސް

އަދި އެމްއެމްއޭއަކީ ރާއްޖޭގެ އިގްތިސާދާއި ވިޔަފާރީގެ ދާއިރާގައި ވަރަށް މުހިންމު ގައުމީ މަސްއޫލިއްޔަތެއް އަދާކުރަމުން އަންނަ މުއައްސަސާއެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން އެމްއެމްއޭ އުފެދުނީއްސުރެ މިހާތަނާޖެހެންދެން އެއޮތޯރިޓީން ގައުމަށް ކޮށްދީފައިވާ ހިދުމަތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިނިވަން 50 އާ ގުޅިގެން ބޭއްވި ދިދަ ނެރުމުގެ ރަސްމިއްޔާތުގައި މިނިވަން 50 ގެ ރަމްޒީ ނޫޓު ނެރެދެއްވާފައިވަނީ އަބްދުއް ސައްތާރު މޫސާ ދީދީއެވެ. އަދި އޭގެ ރަމްޒީ ނޫޓެއް ރައީސް އަބުދުﷲ ޔަމީން އަށް ވެސް އެމްއެމްއޭއިން ވަނީ ހަދިޔާ ކޮށްފަ އެވެ.

މިނިވަން 50 ގެ ރަމްޒީ ނޫޓު އެމްއެމްއޭއިން މިއަދު ވިއްކަން ފަށާފަވާއިރު، ނޫޓެއް ވިއްކަނީ 7،500ރ. އަށެވެ.