29 Jul 2015, 20:12
އަންނަ ހުކުރު ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ރަސްމީ ކުޅިވަރުތަކަށް ބަލާލަން ވަނުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް، ހެވިކަމުގެ ކުޅިވަރުތަކުގެ އެންމެ ފަހުގެ ފަރިތަކުރުންތައް ބަލާލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހޯމް މިނިސްޓްރީން މިރޭ އާންމު ކުރި ދަންނަވާލުމެއްގައި ބުނެފައި ވަނީ މާދަމާ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ އެންމެ ފަހުގެ ފަރިތަކުރުންތައް ބަލާލަން ވަދެވޭނީ އެ މިނިސްޓްރީން ދޫކުރާ ފާހެއް ބޭނުންކޮށްގެން ކަމަށެވެ. ހޯމް މިނިސްޓްރީން ކަނޑައަޅާ ހަތަރު ސަރަހައްދަކުން އެ ފާސް ލިބޭނީ އައިޑީކާޑު ހިފައިގެން ވަޑައިގަތުމުން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެ ފާސް ދޫކުރާނީ މާދަމާ ހެނދުނު 10:30 ފެށިގެން ވެލާނާގެ ބިލްޑިން ބޭރުގައި ބަހައްޓާ މޭޒަކުންނާއި މާލޭގައި ހުންނަ ހުޅުމާލެ ފެރީޓަމިނަލުގެ ބޭރުގައި ބަހައްޓާ މޭޒަކުންނާއި މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލްގެ ބޭރުގައި ބަހައްޓާފައިވާ މޭޒަކުން ކަމަށެވެ.
ކޮންމެ އައިޑީކާޑަކަށް ދެ ފާސް ދޫކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
މިނިވަން 50 އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) "ސަން"އަށް މިރޭ ވިދާޅުވީ ހެވިކަމުގެ ކުޅިވަރުގެ ފަހު ރިހާސަލް ބަލާލުމުގެ ފުރުސަތު މާދަމާ ރޭ އާންމުންނަށް ހުޅުވާލަނީ، ގިނަ ބަޔަކަށް އެ ކުޅިވަރުތައް ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ޖުމްލަ 12،000 މީހުންގެ ޖާގައިގެ ދަނޑަށް ހުކުރު ދުވަހު ރޭ މީހުން ވައްދާނީ، ލިމިޑްކޮށްގެން ސަލީމް ވިދާޅުވި އެވެ.
"ހުކުރު ދުވަހު ދަނޑަށް ވަދެވޭނީ ދައުލަތުގެ އިއްޒަތްތެރިންނާއި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުން. އަދި ހުކުރު ދުވަހު ދަނޑަށް ވަނުމަށް ފާސް ދޫކުރާ އާންމުންނަށް ވެސް ދަނޑަށް ވަނުމުގެ ލިބިގެންދާނެ. ހުކުރު ދުވަހު އާންމުނަނަށް ދަނޑަށް ނުވަދެވުނަށް، ޓީވީން މެދުވެރިކަން އެ ކުޅިވަރުތައް ފުރިހަމަކޮށް ބަލާލުމުގެ ފުރުސަތު ތަނަވަސް ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" މާސް ސަލީމް ވިދާޅުވި އެވެ.
ހުކުރު ދުވަހު ގައުމީ ފުޓްބޯޅަ ދަނޑަށް ވަދެވޭ އާންމުން ހޮވާލާފައި ވަނީ މިނިވަން 50 ގެ އޮފީހުންނެވެ. އެ މީހުންނަކީ އެ ކުޅިވަރުތަކުގައި ބައިވެރިވާ ބެލެނެވެރިންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ހެވިކަމުގެ ކުޅިވަރުތަކުގައި ފެނިގެންދާނީ ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ އައިޓަމްތަކެވެ. އެ ގޮތުން ރާއްޖޭގެ 800 އަހަރުވީ ތާރީހު މެދުކެނޑުމެނެއް ނެތި ހަތަރު ގަޑިއިރަށް ދަނޑުގައި އެހި ހުށަހެޅުންތަކުން ފެނިގެންދާނެ ކަމަށް މިނިވަން 50 އޮފީހުން ބުންޏެވެ.