29 Jul 2015, 20:26
އެމްޑީޕީން މަޝްވަރާ ކުރަމުން މި ދަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާ އެކަނި ނޫން ކަމަށް އެ ޕާޓީގެ ޕާލަމެންްޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ އެމްޑީޕީން "ވާހަކަ ދައްކަމުން ދަނީ" ސަރުކާރާ އެކީގައި ކަމަށާއި އޭގެ މާނައަކީ އެއީ ހަމައެކަނި ހޯމް މިނިސްޓަރު އުމަރު ނަސީރާއެކު މަޝްވަރާ ކުރާ ވާހަކަ ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ނެރުނު ބަޔާނުގައިވާ ފަދައިން ޖުލައި 26ގެ ކުރިން ކޮށްދޭނެ ކަމަށް ސަރުކާރުން ބުނި ބައެއް ކަންތައްތައް އަދިވެސް ކޮށްދީފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ ސަރުކާރާ އެކީގައި. އޭގެ މާނައަކީ ހަމައެކަނި އުމަރު ނަސީރާ އެކަންޏެއް ނޫން އަޅުގަނޑުމެން މި ވާހަކަ ދައްކަނީ. މި ދެންނެވީ އެ ޓޯކްސް އެކަންޏެއް ނޫން. ސަރުކާރުން އެބަ ހުރި ކަންތައްތައް ކޮށްދޭން އެއްބަސްވެފައި. އެކަންތައްތަކެއް އަދިއެއް ނުވޭ،" އިބޫ ވިދާޅުވި އެވެ.
ސަރުކާރުން ކޮށްދޭން އެއްބަސްވި ކަންތައްތަކަކީ އުމަރު ނަސީރު ޗެއާކުރައްވައިގެން ބާއްވާ މަޝްވަރާތަކުގެ ބޭރުން ވާހަކަދެކެވި އެއްބަސްވެވިފައިވާ ކަންތައްތަކެއް ތޯ ދެންންނެވުމުން އިބޫ ވިދާޅުވީ މަޝްވަރާ ކުރަނީ ސަރުކާރާ އެކީ ކަމަށެވެ.
"އަޅުގަނޑަށް ދެންނެވޭނީ މިވަރަށް. ސަރުކާރާ އެކީ އަޅުގަނޑުމެން މި ވާހަކަ ދައްކަނީ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އެންމެ ފަހުން ރައީސް އޮފީހުގައި މިނިސްޓަރު އުމަރު ނަސީރު ޗެއާ ކުރައްވައިގެން ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިވަން އުފާ ފާހަގަކުރާނީ އަޅުގަނޑުމެން އެންމެން އެކުގައި ކަމަށް އޭނާ ދެންނެވީ އެ ޕާޓީން އެދުނު ކަންތައްތަކެއް ކޮށްދޭން ސަރުކާރުން އެއްބަސްވުމުން ކަމަށެވެ.
ސަރުކާރުން މިހާތަނަށް ކޮށްދިނީ އެމްޑީޕީން އެދުނު ކޮން ކަންތައްތަކެއް ކަމާއި އަދި ކޮށްދީފައި ނުވަނީ ކޮން ކަންތައްތަކެއް ކަމެއް އީބޫ ވިދާޅެއް ނުވި އެވެ.
އެކަމާ ގުޅޭ ގޮތުން ސަން އިން ދެންނެވި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ސަރުކާރާ އެކު އެމްޑީޕީން އެއްބަސްވެފައި ވަނީ، މީޑިއާ އަށް ހާމަކުރަން ޖެހޭ މައުލޫމާތުތައް ކަނޑައަޅާނީ ދެ ފަރާތުން އެއްބަސްވެގެން ކަމުގައިވާތީ މިވަގުތު އެ މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށެވެ.
ސަރުކާރާއެކު ކުރިއަށްދާ މަޝްވަރާގެ މައުލޫމާތު ގައުމީ މަޖިލީހުގެ މެމްބަރުންނަށް ހިއްސާ ކުރެއްވުމަށް މިއަދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
އިބޫ ވިދާޅުވީ އެ ބައްދަލުވުމުގައި އެއްވެސް ކަމެއް ފާސްކޮށްފައި ނުވާނެ ކަމަށާއި އެއީ ހަމައެކަނި ޚިޔާލު ބަދަލުކޮށްލަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު "ސަން"އަށް ވިދާޅުވީ އެމަނިކުފާނު ޗެއާ ކުރައްވައިގެން ކުރިއަށްދާ މަޝްވަރާގައި އެމްޑީޕީން ހުށަހެޅި އެއްވެސް ކަމެއް ކޮށްދޭން ސަރުކާރުން އެއްބަސްވެފައިނުވާނެ ކަމަށެވެ.
އެމްޑީޕީއާ އެކު ސަރުކާރުން ކުރާ މަޝްވަރާގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެއްގެ ގޮތުގައި އުމަރު ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.